ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމަށް، އޭނާ ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކޮށްގެން ނަމަވެސް ޝަރީއަތް ކުރިއަށް ގެންގޮސްދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދެފިއެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހެއް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ. އެ ޝަރީއަތުގައި އަލީ ވަހީދު ބައިވެރިވެފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.
ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން ޝަރީއަތުގައި އެދިފައި ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނިމިފައިނުވާތީ ކަމަށް ވިދާޅުވެއެވެ. އަދި ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކްރިމިނަލް ކޯޓަށް މެޑިކަލް ލިޔުންތަކެއްވެސް ހުށަހަޅައިފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވީ އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުކޮށްގެން ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.
ގާޒީ ހަސަން ސައީދުގެ ނިންމެވުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެމައްސަލަ ހައި ކޯޓުން ބަލައިގެންފައި ވަނީ މިދިޔަ ހަފުތާގައެވެ.
އެ މައްސަލާގެ ޝަރީއަތް މިއަދު ވަނީ ހައިކޯޓުގައި ފަށާފައެވެ. ޝަރީއަތުން ވަނީ މި މައްސަލައިގެ ބާވަތާއި މައްސަލަ ކުރިއަށް ގެންދާނެ ގޮތާމެދު ގިނަ ސުވާލުތަކެއް ދައުލަތަށް ކުރައްވައިފައެވެ. އެގޮތުން ފަނޑިޔާރުން ވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދެވޭނެތޯ ނުވަތަ އޮންލައިންކޮށް އަލީ ވަހީދު ހާޒިރުކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެތޯ ސުވާލު ކުރައްވައިފައެވެ.
ދައުލަތުން ވިދާޅުވީ އަލީ ވަހީދަށް ޖަވާބުދާރީ ނުވެވޭނެ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް ކޯޓްގެ އިހުތިސޯސްނެތް ތަނެއްގައި ހުރެ، ޝަރީއަތުގައި ބައިވެރިވެވޭނެ ކަމަށްވެސް ދައުލަތުން ގަބޫލު ނުކުރާ ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރުން ވަނީ ކޯޓުގެ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެ، ޝަރީއަތުގައި ބައިވެރިވާނަމަ، މައްސަލައިގެ ހުކުމަށް އަސަރު ކުރާނެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެމުން ދައުލަތުން ވިދާޅުވީ މި މައްސަލައިގައި ކޯޓުގެ އިހުތިސޯސް ނުހިނގާތަނެއްގައި އަލީ ހުރެ، ޝަރީއަތް ހިންގާނަމަ، އެއީ ގާނޫނާ ހިލާފަށް ހިންގޭ ޝަރީއަތެއް ކަމަށާއި އެހެންކަމުން އެ ޝަރީއަތުގައި ނިންމާ ނިންމުމަކީ ހުކުމަށް އަސަރުކުރާނެ ނިންމުމެއް ކަމަށެވެ. އަދި އެ ހުކުމް ވެގެންދާނީ ގާނޫނާ ހިލާފު ހުކުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރުން ވަނީ މި މައްސަލައިގައި ހައި ކޯޓުން އަމަލު ކުރަންވީ ގޮތެއް ގާނޫނުތަކުގެ އަލީގައި ބުނެދިނުމަށް އެދިވަޑައިގެންފައެވެ. ދައުލަތުން ވިދާޅުވީ މި ފަދަ މައްސަލަތައް އިސްތިއުނާފް ކުރާތާ ގިނަ ވެގެން ހަތް ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށް ގާނޫނު ބުނާ ކަމަށެވެ. އަދި ޣައިރު ހާޒިރުގަޔާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން ވިދާޅުވީ މީހުން ޝަރީއަތަށް ހާޒިރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އެގޮތުން ޗިޓް ފޮނުވައިގެން ކޯޓަށް ހާޒިރު ކުރަން މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި އެގޮތަށްވެސް ހާޒިރު ނުކުރެވިއްޖެނަމަ، ކޯޓުތަކުން އަމަލު ކުރާ ގޮތަށް އަމަލު ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
ދައުލަތުން އެދުނީ އަލީ ވަހީދު ރާއްޖެ ގެނެސް، ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. ޝަރީއަތުން ވަނީ އެފަދަ އަމުރެއް ކޯޓުން ނެރެދީފިނަމަ، އަލީ ވަހީދު ހާޒިރު ކުރެވޭނެތޯ ސުވާލު ކުރައްވައިފައެވެ.
ދައުލަތުން ވިދާޅުވީ މި މައްސަލާގައި އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ހައިކޯޓުން އަމުރެއް ނެރެވިދާނެ ކަމަށެވެ. ދެން އޮތް ގޮތަކީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުން ކަމަށާއި ނަމަވެސް ކުރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެރެދީފައިނުވާ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުން ފަނޑިޔާރުން ނިންމާލެއްވީ މި މައްސަލަ ދިރާސާ ކުރުމަށްފަހު ދެން އަމަލު ކުރާނެ ގޮތެއް ވަރަށް އަވަހަށް ދައުލަތާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހުއެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، އަލީ ވަހީދު އަޑުއެހުމަށް އޮންލައިންކޮށް ވެންނެވީ ހައިކޮމިޝަނަށް ހާޒިރުވެގެން ކަމެއް ސާފުނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރި ކަމަށެވެ.
އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީން ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގެ ޖަވާބު، އެ މިނިސްޓްރީން ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް އަލީ ވަހީދު ލަންޑަނުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީންކޮށްދީފައެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ބުންޏެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފުލުހުންނަށް ޕީޖީ އެދުމުން ފުލުހުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ޕީޖީން އެގޮތަށް އެދުނީ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ މުއްދަތު ހަމަވެފައިވާތީ އާއި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ސީރިއަސް މައްސަލައަކަށްވާތީ، ޝަރީއަތް ހިންގަން އޮތް ގޮތަކީ ރާއްޖެ ގެނައުން ކަމަށް ދެކޭތީއެވެ. ނަމަވެސް އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނުދިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު