ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގައެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ 2023 ވަނަ އަހަރު ރާއްޖޭގައި ރިޔާސީ ނިޒާމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހާލަތާ އެންމެ ގުޅެނީ ރިޔާސީ ނިޒާމު ކަމަށެވެ.
"ދިވެހި ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ ރާއްޖެއަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު. ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީ ނިޒާމު. ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް. ވަރަށް ސާފު" މައުމޫން ވިދާޅުވި އެވެ.
"އާސްކް ސްޕީކާ" ގެ ތިން ވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޝީދު ރޭ ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށާއި އަންނަ އަހަރު ނިޒާމުގެ ވޯޓެއް ނަގަން ފެންނަ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން ރަނގަޅުވެގެންދާނީ ބަރުލަމާނީ ނިޒާމެއްގައި. އެ ބަދަލު ގެނައުމަށްޓަކައި 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ބަދަލަށް ޕީޕީއެމުންވެސް ތާއީދު ކުރާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަމަށް ކުރިން ވިދާޅުވެފައި ކަމަށެވެ. އެހެންކަމުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މި ބަދަލު ގެނައުމަށް ވޯޓް ނަގައި ބަރުލަމާނީއަށް ބަދަލު ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ނުދެކެން ރިޔާސީ އިންތިހާބެއް ރާއްޖޭގައި އޮންނާނެ ކަމަކަށް. އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާ އެކުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގައި މަސައްކަތް ކުރައްވާނެ ކަމަށް. އަދި ފެންނަ ނުފެންނަ ވޯޓެއް ނަގާއިރެއްގައި އަޅުގަނޑު ދެކެނީ ޕީޕީއެމާއި އެމްޑީޕީއާ އެކުގައި ތިބެގެން ވޯޓަށް އަޅުގަނޑުމެންނަށް ދެވޭނެކަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށާއި އެމަނިކުފާނު ކުރައްވާ އެއްވެސް ކަމަކަށް ރައީސް ސޯލިހް ދެކޮޅު ނުހައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ، ބަރުލަމާނީ ނިޒާމް ގެނައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ބޮޑުވަޒީރާއެކު މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގުމުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި ތަރައްގީގެ ދުވެލިވެސް ބާރުވެގެންދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި އެ ބަދަލު ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު