މައްޔިތުން އުފުލުމަށް އިސްލާމިކް މިނިސްޓްރީން ދެ ދޯނި ގަތުމުގައި މާލިއްޔަތުގެ ގާނޫނާ ހިލާފުވެފައިވާތީ، އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމާ ބެހޭ ހުރިހާ އިޖުރާއަތްތައް ފިނޭންސް މިިނިސްޓްރީން ފުރިހަމަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ އިސްލާމިކް މިނިސްޓްރީގެ 2012 އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހުރި އޮޑިޓު ރިޕޯޓުތަކާ ބެހޭ ގޮތުން ބަލަން ހުރި ކަންތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު އެ އޮޑިޓް ރިޕޯޓުތަކާ ބެހޭ ގޮތުން 11 ހުށަހެޅުމަކާ އެކު މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ހިމަނައިގެންނެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުމަށް އިސްލާމިކް މިނިސްޓްރީން ހަރަދު ކޮށްގެން ގަތް ދެ ދޯނި އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ވަނީ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ މިނިސްޓްރީން އެ ދެ ދޯނި ބޭނުން ކޮށްފައި ވަނީ އެންމެ ތިން މަސް ދުވަހަށް ކަމަށާއި ދޯނިތައް ބޭނުން ކުރުން ހުއްޓާލާފައިވާތީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ދޯނިތައް ނީލަން ކިޔުމުގައި އޭސީސީގެ އިއުތިރާޒެއް އޮތްތޯ ބެލުމަށް އެ ކޮމިޝަނަށް ލިޔުމުން، ދޯންޏާ ގުޅޭ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މިނިސްޓްރީއަށް ވަކި އެއްޗެއް އަންގަންދެން ދޯނިތައް ނީލަން ކިޔުން ފަސްކުރުމަށް، ހުސްވި 2020 ވަނަ އަހަރު އޭސީސީން އަންގާފައިވާ ކަމަށެވެ.

އެކަން އެގޮތަށް އޮއްވައި ކޮވިޑުގެ ސަބަބުން މާލެ ފުރަބަންދު ކުރުމާ ގުޅިގެން ދޯނިތަކުގެ ހާލަތު ބެލުމަށް ނުދެވުމުން ގަދަ ވިއްސާރައިގައި ދޯނިތަކަށް ދިޔަވެ އެއްކޮށް އަޑިއަށް ގޮސްފައިވުމުން ދޯނިތަކާ މެދު ދެން އަމަލު ކުރާނެ ގޮތެއް އަންގައި ދިނުމަށް އެޗްޑީސީން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ދޯނިތަކާ މެދު ދެން އަމަލު ކުރާނެ ގޮތެއް އަންގައި ދިނުމަށް އޭސީސީއަށް ހުށަހެޅުމުން، އެ ދޯނިތަކާ މެދު މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ވަކި ގޮތަކަށް އަމަލު ނުކުރުމަށް އިއުތިރާޒު ނުކުރާ ކަމަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމިޓީ ރިޕޯޓުގައި ބުނީ، އެގޮތަށް ދޯނިތައް ބާއްވައިގެން އެ އެއްޗެހި ހަލާކުވުމަކީ އިހުމާލެއް ކަމަށެވެ. އަދި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް، ދެ ދޯނީގައި އަޅާފައިވާ އިންޖީނުތަކާ މެދު ކަންތައް ކުރާނެ ގޮތެއް އަވަހަށް ނިންމުމަށް އިސްލާމިކް މިނިސްޓްރީއަށް ދެންނެވުމަށް ހިމަނާފައިވެއެވެ.

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އެ ރަށްރަށުގައި ވަޅުލުން ހުއްޓާލައި، ހުޅުމާލޭގައި ވަޅުލާން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭރު ހުޅުމާލެއަށް މައްޔިތުން އުފުލަނީ އެކަމަށް ހާއްސަ ކޮށްފައިވާ ދޯންޏެއްގައެވެ. ނަމަވެސް ހަމަ އެ އަހަރުގެ ތެރޭގައި، އެ ނިންމުމަށް ބަދަލު ގެނެސް އެރަށެއްގައި މަރުވާ މީހަކު އެ ރަށެއްގައި ވަޅުލަން ނިންމިއެވެ.