ރާއްޖޭގައި ހިންގާ ޓެރަރިޒަމް އަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައިފިއެވެ.
މެންބަރުން މިގޮތަށް ތުހުމަތު ކުރެއްވީ، ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމަކާ ނުލައި 48 ގަޑިއިރު ބޭތިއްބޭ ގޮތަށް ފުލުހުންނަށް ބާރު ދޭން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްޣަނީ އަބުދުލް ހަކީމެވެ.
މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، ރާއްޖެއިން ޓެރަރިޒަމް އަމަލުތައް ހުއްޓުވުމަށް ސަރުކާރުން އެދުނު ގޮތަށް ހިތާ ދެކޮޅަށް ބޮޑެތި ބާރުތަކެއް ދީގެން 2019 ވަނަ އަހަރު މަޖިލިސް ޗުއްޓީއަށް ނުގޮސް ތިބެ ޓެރަރިޒަމް ގާނޫނަށް ބަދަލު ގެނަސްފައިވާ ކަމަށެވެ.
އޭރު އެ ބިލުން މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ވަހީދު ވިދާޅުވިއެވެ.
އެބިލު ގާނޫނަކަށްވިތާ ދެ އަހަރު ފަހުން އެ ގާނޫނަށް ސަރުކާރުން އަނެއްކާވެސް ބަދަލު ގެންނަން ހުށަހަޅާފައިވާ އިރު، އެ އިސްލާހު މަޖިލީހުން ފާސްކުރި ނަމަވެސް ތަންފީޒު ކުރާނީ ކިހާ ދުވަހަކުންކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، ކިތަންމެ ވަރަކަށްވެސް މަޖިލީހަށް ގާނޫނުތައް ހެދިދާނެ ކަމަށެވެ. އެގޮތުން އިސްލާހުގައި މިހާރު އޮތް 48 ގަޑިއިރު 72 ގަޑިއިރަށްވެސް ބަދަލު ކުރެވިދާނެ ކަމަށާއި ނަމަވެސް ގާނޫނު ނަގަހައްޓައި ތަންފީޒު ކުރަން ތިބޭ ފަރާތްތައް ފަހަތުފަޔަށް ބުރަވެގެން އެކަން ނުކޮށް ތިބޭނަމަ މައްސަލައަށް ލިބޭނެ ހައްލެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަދިވެސް ފުރިހަމަ ވެފައިނުވާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެރަރިޒަމްގެ މައްސަލަތައް ހައްލުކުރަން ނެތިއްޔާ އެކަން ހައްލެއް ނުވާނެ ކަމަށެވެ.
މި މައުޟޫއަށް ވާހަކަދައްކަވަމުން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ސަރުކާރުން އެދޭހާ ގޮތަކަށް މަޖިލީހަށް ގާނޫނުތައް ހެދިދާނެ ކަމަށާއި ނަމަވެސް ގާނޫނާއި އިންޓެލިޖެންސް ފެއިލްވެފައިވާ ކަމަަށް ބުނެ މުއައްސަސާތަކުން ދައްކާ ހުއްޖަތް ގަބޫލު ނުކުރާނެ ކަމަށެވެ.
ސަރުކާރުން މިހާރަށް ވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށާއި ބޮން ގޮއްވުމުގެ ގާބިލުކަން ލިބިފައިވާ ހާހަކަސްވުރެ ގިނަ މީހުން މުޖުތަމައަށް ދޫވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެފައިވާ އިރު، އެމީހުން ހައްޔަރު ކުރުމަށް ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ނުކުރަނީ ކީއްވެެގެންތޯ ފިރުޝާން ސުވާލު އުފެއްދިއެވެ.
ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ، ސަރުކާރުން ގާނޫނުތައް ތަންފީޒު ނުކުރާނަމަ ގާނޫނު ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނަށްވެސް ސަރުކާރު ބޭނުންވާ ގޮތަށް އިސްލާހު ގެނެވިދާނެ ކަމަށާއި ނަމަވެސް ސަރުކާރަށް އިތުބާރު ނުކުރައްވާ ކަމަށާއި ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު