ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 46.7 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ ޖޫން 2019 ގައެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއު ހިނގާ ސަރަހައްދު ގާއިމުކުރުމުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 16،518 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 38،916 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 19،679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.