ސުޕަމޭންގެ ފުރަތަަމަ ފިލްމު "ސުޕަމޭން" ޑައިރެކްޓް ކުރި އެމެރިކާގެ ޑައިރެކްޓަރު ރިޗާޑް ޑޮނާ މަރުވެއްޖެއެވެ.

އެކްޝަން ކޮމިޑީ ފިލްމު، "ލީތަލް ވެޕަން"ގެވެސް ޑައިރެކްޓަރު ރިޗާޑް ދޮނާ މަރުވީ އިއްޔެއެވެ. މަރުވި އިރު އުމުރަކީ 91 އަހަރެވެ. ރިޗާޑް ޑޮނާ ނުވަތަ މަރުވި ހަބަރާއެކު ސްޓީވަން ސްޕިލްބާގް، އެޑްގާ ރައިޓް ފަދަ ހޮލީވުޑްގެ މަޝްހޫރު ފަންނާނުން ދަނީ ތައުޒިޔާގެ މެސެޖުތައް ހިއްސާ ކުރަމުންނެވެ.

ރިޗާޑް ޑައިރެކްޓް ކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ސުޕަމޭން އާއި ލީތަލް ވެޕަންގެ އިތުރުން ''އިންސައިޑް މޫވްސް''، ''16 ބްލޮކްސް'' އަދި ''ދަ ގޫނީސް'' ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

ރިޗާޑްގެ މަރާ ގުޅިގެން ދަ ގޫނީސްގެ ތަރި ޝޯން އެސްޓިންގެ ބުނީ، ދަ ގޫނީސްގައި ކުޑަކުއްޖެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވި އިރު ރިޗާޑުގެ ފަރާތުން އަޅާލުމާއި އޯގާތެރިކަން ފެނިގެންދިޔަ ކަމަށެވެ. އަދި އެކަމަށްޓަކައި ރިޗާޑް ދެކެ އޭނާ އަބަދުވެސް ވަރަށް ލޯބިވާ ކަމަށް ބުނެފައިވެ އެވެ.

ދަ ގޫނީސްގައި ފެނިގެން ދިޔަ ކޮރީ ފެލްޑްމަން ބުނީ ރިޗާޑަކީ ދެވަނަ ބައްޕައަކާ އެއްވަރު މީހެއް ކަމަށެވެ. އަދި ހަމަ އެ ފިލްމުން ފެނިގެން ދިޔަ ޖެފް ކޯހެން ވަނީ އޭނާ އާއި އޭނާގެ އަންހެނުން ކިޔެވުމަށް ރިޗާޑް މާލީ ގޮތުން ވަރަށް ބޮޑަށް އެހީތެރިވެދީ، އެންމެ ބޭނުންޖެހުނު ވަގުތު ގާތުގައި ހުރި ކަމަށް ބުނެފައެވެ.