ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކޮށް ބެލްޖިއަމްގައި ސްޓޭމްޕެއް ތައާރަފްކޮށްފި އެވެ.
އެ ސްޓޭމްޕް ތައާރަފްކޮށްފައިވަނީ "ޒޫމް" މެދުވެރިކޮށް މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ބެލްޖިއަމް އެމްބަސީމް އިސްނަގައިގެން ސްޓޭމްޕެއް ތައާރަފްކުރުމަކީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ވިދާޅުވީ، އެ ސަރަހައްދުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ސަރަހައްދުތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ސްޓޭމްޕެއް ތައާރަފްކުރުމުން ރާއްޖެއާ މެދު އޮންނަ އިތުރުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ތައާރަފްކުރި ސްޓޭމްޕްގައި ޖަހާފައި ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލްގެ ލޯގޯ އެވެ.
ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު އަސަރެއް ކުރިއެވެ. ނަމަވެސް އަލުން ބޯޑަރު ހުޅުވާލި ފަހުން ފަތުރުވެރިކަން ރަނގަޅުވަމުން އައިސް މިދިޔަ މޭ މަހު 45 އިންސައްތަ އަށް ފަތުރުވެރިކަން ދަށްވުމަށްފަހު އަނެއްކާވެސް މިވަނީ ރަނގަޅުވާން ފަށާފަ އެވެ.