ޖިންސީ ކުށުގެ ތުހުމަތު ތަކެއްކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެނުދިން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ މުއްދަތު ހަމަވެފައިވާތީ އާއި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ސީރިއަސް މައްސަލައަކަށްވާތީ، ޝަރީއަތް ހިންގަން އޮތް ގޮތަކީ ރާއްޖެ ގެނައުން ކަމަށް ދެކޭތީ ޕީޖީ އޮފީހުގެ އެދުމަކަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމުގެ އަމުރަކަށް ފުލުހުން އެދުނީ ހުސްވި ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ވޭތުވެދިޔަ ހަފުތާގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިނގައި ދިޔަ މުހިންމު ހާދިސާތަކާ ގުޅޭ މައުލޫމާތު އަމިއްލަ ބްލޮގުގައި ހިއްސާ ކުރައްވަމުން ޕީޖީ ޝަމީމު ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މަގުސަދެއް އޮތް ކަމަށް ނުދެކޭތީ ފުލުހުން ހުށަހަޅާފައިވާ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައި އެކަން ޕީޖީ އޮފީހަށް އަންގަވާފައިވަ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ އަލީ ވަހީދުގެ މައްސަލަވާ ގާޒީ ހަސަން ސައީދު ކަމަށް ވިދާޅުވިއެވެ.
"މި ނިންމުން އަޅުގަނޑުމެން ހައިކޯޓުގައި އެޕީލް ކުރާނަން. އެޕީލް ކުރަނީ، އަޅުގަނޑުމެން މި ދަންނަވަނީ މީނައަކީ (އަލީ ވަހީދަކީ) ފިލައިގެން އުޅޭ މީހެކޭ. ހައިކޯޓަށްވެސް ނުފެނިފަ ހުރި މީހެކޭ. ކްރިމިނަލް ކޯޓަށްވެސް ނުފެހިފަ ހުރި މީހެކޭ. އަދި ސުޕްރީމް ކޯޓަށްވެސް ނުފެނިގެން އުޅުނު މީހެއް ކަމަށް ލިޔެކިޔުމުން ފެންނަން އޮތް މީހެކޭ. އެހެންވީމަ މީނަގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ސަބަބެއް އޮތް ކަމަށް އެބަ ގަބޫލުކުރެވޭ،" ޝަމީމު ވިދާޅުވިއެވެ.
އަލީ ވަހީދު ރާއްޖޭގައި ނެތި ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން އެ މައްސަލަ ބަލައިގެންފައިވާކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރުންނަށް މައްސަލައެއް ލިބޭ އިރަށް ވަރަށް ބާރަށް މައްސަލަތައް ކުރިއަށް ގެންދަވާކަން ފާހަގަވާ ކަމަށާއި ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރޭޝަންގެ ކަންކަން ލަސްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކޯޓުން ކުރާ އަމުރެއް 48 ގަޑިއިރު ތެރޭގައި އިސްތިއުނާފު ކުރަން ހުށަހަޅަންޖެހޭނެ ކަމަށާއި އަދި އެ ކޯޓުން ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ނިންމަންޖެހޭ ކަމަށް ބުނެފައިވާ އިރު، ރަޖިސްޓްރޭޝަންގެ ކަންތައް ލަސްވުމުން ގާނޫނުން ހާސިލުކުރަން ބޭނުންވާ ކަމެއް ހާސިލުވާތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު