ދުނިޔެ

ޗައިނާގެ އެންމެ ބޮޑު ކޮންޓެއިނަރު ޓާމިނަލުގައި ކޮވިޑް ފެތުރި, ދުނިޔޭގެ އިގްތިސާދަށް އަނެއްކާވެސް ނުރައްކާ!

ޗައިނާގެ އެންމެ ބޮޑު ކޮންޓެއިނަރު ޓާމިނަލުގައި ކޮވިޑް ފެތުރި, ދުނިޔޭގެ ވިޔަފާރި މުދަލުގެ ފަސް ޕަސެންޓް އެ ޓާމިނަލުގައި ތާށިވެއްޖެއެވެ.

ޗައިނާގެ ދެކުނުގައި އޮންނަ ވިޔަފާރީގެ މައި މަރުކަޒު, ޝެންޒެންގެ ޔަންޓިއަން ޕޯޓުގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ކޮވިޑް ފެތުރި އުފެދުނު ކްލަސްޓާގެ ސަބަބުން މިދިޔަ މަހުން ފެށިގެން އެކްސްޕޯޓް ކޮންޓެއިނަރުތައް ބަލައިގަތުން ވަނީ ހުއްޓާލައިފައެވެ.

އެކަން ދިމާވެފައި މިވަނީ ކޮވިޑާ ގުޅިގެން ދުނިޔެ ލޮކްޑައުންވުމާއި ގުޅިގެން މުދާ އުފުލާ ބޯޓުތަކުގެ އޮޕަރޭޝަން ލަސްވެ, ދުނިޔޭގެ އިގްތިސާދަށް އޭގެ ސަބަބުން ލިބުނު ގެއްލުމުން އަރައިނުގަނެވިގެން އުޅެނިކޮށެވެ. އަދި ޑިމާންޑާ އެއްވަރަށް ގައުމުތަކަށް މުދާ ނުލިބި, ބައެއް ގައުމުތަކުގެ އިންފްލޭޝަން ދަނީ މައްޗަށް އަރަމުންނެވެ.

ޖަރުމަނުގެ ރިސާޗް އިންސްޓިޓިއުޓެއް ކަމަށްވާ, ކިއެލް އިންސްޓިޓިއުޓް ފޮ ދަ ވޯލްޑް އެކޮނޮމީ (އިފްޑަބްލިޔު) އިން ބުނީ, ޗައިނާގެ ޔަންޓިއަން ޕޯޓްގެ އޮޕަރޭޝަންތައް ލަސްވުމުގެ އަސަރު ސުއޭޒް ކެނަލުން މިހާރުވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ކޮންޓެއިނަރު ބޯޓުތައް އޮޕަރޭޓްކުރާނެ ކަމަށް ކުރިން އަންދާޒާކުރި ވަރަށްވުރެ 10 ޕަސެންޓް މަދު ވެފައިވާ ކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ.

މިސްރުގެ ތެރެއިން ރަތް ކަނޑާއި މެޑިޓެރޭނިއަން ގުޅުވާލަ ދޭ 193 ކިލޯމީޓަރު ދިގު ސުއިޒް ކެނަލްއަކީ ކަނޑުމަގުން ޔޫރަޕާއި އޭޝިއާ ގުޅުވާލަދޭ އެންމެ ކުރު މަގެވެ.

ކިއެލް އިންސްޓިޓިއުޓްގެ ޓީމުން ބުނީ, ޔަންޓިއަންގެ ޕޯޓުގައި އެރި ތާށިތަކާ ގުޅިގެން ކުރިއަށް އޮތް ހޫނު މޫސުމުގައި އޭޝިއާ އާއި ޔޫރަޕުގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.

ނޯވޭގެ ކުންފުންޏެއް ކަމަށްވާ ޒެނެޓާގެ ޗީފް އެގްޒެކެޓިވް ޕެޓްރިކް ބާގްލަންޑް ވިދާޅުވި ގޮތުގައި ޗައިނާގެ ޔަންޓިއަން ޕޯޓުގައި މުދާތައް ތާށިވުމުގެ ސަބަބުން ލިބުނު ގެއްލުން, މިދިޔަ މާރިޗް މަހުގެ ތެރޭގައި ސުއޭޒް ކެނަލްގައި ބިޔަ ކޮންޓެއިނަރު ބޯޓެސް ހުރަސްވެ, އެ ކެނަލް ބަންދުވެ, ލިބުނު ގެއްލުމަށްވުރެ ބޮޑުވާނެއެވެ.

އެ ކޮންޓެއިނަރު ބޯޓު ސުއޭޒް ކެނަލް ހުރަސްވެ, އެ ކެނަލް ހަ ދުވަސް ވަންދެން ބަންދުވެފައި އޮތުމުގެ ސަބަބުން ގާތްގަނޑަކަށް 600 ބޯޓަށް ކެނަލް ހުރަސް ނުކުރެވި ތާށިވިއެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް 9.6 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބުނެވެ.

ޔަންޓިއަން ޕޯޓްގެ އޮޕަރޭޝަންތައް އަލުން ފެށި ނަމަވެސް, އެރި ތާށީގެ ސަބަބުން އޮތް ބެކްލޮގް ފިލުވުމަށް އެތައް ހަފުތާއެއް ނަގާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި އެކަމުގެ ސަބަބުން އެކްސްޕޯޓަރުން ދަނީ ޗައިނާއިން ޔޫރަޕަށް މުދާ ފޮނުވުމަށް ޓްރަކް ބޭނުން ކުރަމުންނެވެ.