ކުޅިވަރު

މެސީގެ ތަފާތު މޮޅު ކުޅުމާ އެކު އާޖެންޓީނާ ސެމީއަށް

ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި އެކުއެޑޯ ބަލިކޮށް އާޖެންޓީނާ އިން ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފިއެވެ.

ރޭ ކުޅުނު މެޗު އާޖެންޓީނާ އިން 3-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އާޖެންޓީނާގެ ކެޕްޓަން މެސީ ވަނީ މެޗުގައި ތިންވަނަ ގޯލު ޖެހުމުގެ އިތުރުން ފުރަތަމަ ދެ ގޯލަށް އެސިސްޓް ކޮށްދީފައެވެ. މިއަހަރުގެ ކޮޕާ އެމެރިކާގައި މިހާތަނަށް މެސީ ވަނީ ހަތަރު ގޯލު ޖަހައި ހަތަރު އެސިސްޓުވެސް ހަދައިފައެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީއަށް ލިބިފައިވާ އިރު، އާޖެންޓީނާގެ ފުރަތަމަ ގޯލަކީ ރޮޑްރީގޯ ޑި ޕައުލް ކާމިޔާބު ކުރި ގޯލެކެވެ. ފުރަތަމަ ހާފުގައި އެކުއެޑޯއަށް އެންމެ ރަނގަޅު ފުރުސަތު ފަހިވީ ވެލެންސިއާ އަށެވެ. އޭރިއާ ތެރޭގައި އޭނާ ހުސްކޮށް ހުއްޓައި ލިބުނު ބޯޅަ، ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އެކުއެޑޯ އިން ނުރައްކާތެރިކޮށް ފެނުނު ނަނަވެސް، އަނެއްކާވެސް ގޯލު ޖެހީ އާޖެންޓީނާ އިންނެވެ. މެސީގެ ނޯ ލުކް އެސިސްޓަކާ އެކު އާޖެންޓީނާއަށް ލީޑު ފުޅާ ކޮށްދިނީ ލައުޓާރޯ މާޓިނޭޒް އެވެ. މެސީގެ ޖާދޫ ދެން ފެނިގެން ދިޔައީ މެޗުގެ ފަހު ވަގުތުގައެވެ. އެކުއެޑޯ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުން މެސީ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

ކޮޕާ އެމެރިކާގެ ކުއާޓާގައި ރޭ އުރުގުއޭ އާއި ކޮލަމްބިއާ ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކުރީ ކޮލަމްބިއާއެވެ. އާޖެންޓީނާ ސެމީގައި ކުޅެން ޖެހޭނީ ކޮލަމްބިއާއާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޕެރޫ އާއި ބްރެޒިލްއެވެ.