ފުޓުބޯޅައަށް ލޯބިކުރާ އެންމެންނަށް ވެސް ސާއިދުގެ އަޑަކީ ވަރަށް ހިތްގައިމު އަޑެކެވެ. ހަމަ އެގޮތަށް ލޮލުގެ ފެނުމުން މަހުރޫމުވެ، ފުޓުބޯޅައަށް ލޯބިކުރާ އެތައް ކުދިންނަކަށް ވެސް ކުޅިވަރު ނޫސްވެރިޔާ، ކޮމެންޓޭޓަރު ސާއިދު އަހުމަދުގެ އަޑަކީ މުހިއްމު އަޑެކެވެ. ރޭޑިއޯ ކޮމެންޓްރީގައި އޭނާ މެޗުތައް ސިފަކޮށްދޭ ކޮށްދިނުމަކީ ފެނުމުން މަހުރޫމުވެފައިވާ އެތައް ކުދިންނަކަށް ހިނިތުންވުން ގެނެސްދޭ ކަމެކެވެ.
ސާއިދުގެ ކިޑްނީ ފެއިލްވެ އޭނާގެ ބަލި ހާލަތު ގޯސްވެފައިވީ ނަމަވެސް އޭނާގެ "ޕެޝަން" ކަމަށްވާ ކޮމެންޓްރީއާއި ކުޅިވަރުގެ ކަންކަމުގައި އެންމެ ތަންކޮޅެއްވެސް ފަހަތަށް ނުޖެހޭނެކަން ކުރިންވެސް ވަނީ ސާބިތުކޮށްދީފައެވެ. މިފަހަރުވެސް ދައްކަން މި ޖެހެނީ އެފަދަ ގުރުބާނީއެއްގެ ވާހަކައެކެވެ. މިފަހަރު ޔޫރޯ 2020 ގެ މެޗުތަކުގެ ދިވެހި ކޮމެންޓްރީއާއެކު ސާއިދު ހެއްވާލީ އޭނާއާ ނުހަނު ގާތްކޮށް މަސައްކަތް ކުރަމުންދާ ބަލައިންޑް ކޮމިއުނިޓީއެވެ.
"ސާއިދަކީ ފުޓުބޯޅަ ބެލުމުގައި ލޯފަން ކުދިންގެ ލޯ. ޔޫރޯގައިވެސް މިހާރު ބްލައިންޑް ކުދިންގެ ލޮލަކީ ސާއިދު،" ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ މީޑިއާ އޮފިސަރު އަބްދުﷲ ޒިޔާ "ވަން" އަށް ވިދާޅުވިއެވެ.
ޔޫރޯ ތެނަދޫގެ ނަމުގައި ގދ. ތިނަދޫގެ ޒުވާނުންތަކެއް ކްލަބު ހައުސްގައި ހިންގަން ފެށި ރޫމަކީ ތިނަދޫގެ ލޮކްޑައުން ހާލަތަށް ބަލައި، ޔޫރޯގެ އުފާވެރިކަމުގެ މަޝްވަރާތަކަށް ހެދި ރޫމެކެވެ. އެ ރޫމްގެ ބޭނުން މުޅި ރާއްޖެއަށް ހުޅުވިގެން ދިޔައީ ގްރޫޕު އުފެއްދި، ސްޓޫޑިއޯ 33 އިން ކޮމެންޓޭޓަރު ސާއިދު އެ ރޫމަށް ވައްްދައި، ކްލަބަކަށް ޖޮއިން ކުރިވި ހިސާބުން ފެށިގެންނެވެ. މަޖަލަކަށް ފެށި ކްލަބު، ލޯފަން އެތައް ކުދިންނެއްގެ މެޗު ޖަގަހައަކަށް ހަދައިދިނީ ސާއިދުގެ މެޗު ކޮމެންޓްރީގެ ހިތްގައިމު ކަމުންނެވެ. އޭނާގެ އިސްނެގުމާއެކު އެނަލެޓިކް މީހުން ކްލަބަށް ވައްދައި މުޅި ޝޯ އިންތިޒާމު ކޮށްލިއެވެ. އަދި އެހާމެ ޝައުގުވެރި ކޮށްލިއެވެ.
އެ ރޫމް އުފެދުނު ގޮތާ ގުޅޭގޮތުން ސްޓޫޑިއޯ 33ގެ ފަރާތުން ނައުފަލް ނަސީމް "ވަން"އަށް ބުނެފައިވާ ގޮތުގައި ކްލަބު ހައުސްއަށް މީހުން ވެއްދުމަށް ފެށި އެ މަސައްކަތުގެ ތެރެއިން، އަލަށް އައި އެޕެއްވީމަ އާއި ތިނަދޫ ލޮކްޑައުންކޮށް އޮތުމާވެސް އެކު އެކަކު އަނެއްކަކާ ވާހަކަ ދައްކާލައި، ޔޫރޯވެސް އޮތުމާއެކު މަޖާކޮށްލަން ވާހަކަ ދައްކާލަން ރޫމް ފެށީއެވެ. އަދި އެއަށްފަހު ސާއިދު ގުޅުމާއެކު ރޫމުގައި ކޮމެންޓަރީ ދިނުމަށް ސާއިދު ކައިރިން އެދުނީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
"އަނގަތަޅާލައި، މެޗު އޮންނަ ގަޑީ އެކިއެކި ވާހަކަ މި ދައްކާލަނީ. މިހެން ދަނިކޮށް ތިނަދޫ މީހުން މި ޔޫރޯ ތެނަދޫގެ ތެރެއަށް ވައްދަމުން ގޮސް، ސާއިދާކީވެސް ތިނަދޫ މީހަކަށްވުމާއެކު މިއަށް ވެއްދީ. ދެން ސާއިދު ކައިރީ އެދުނީ ކޮމެންޓްރީ ދިނުމަށް، އެހިސާބުން ދެން ސާއިދުގެ ކޮމެންޓްރީ ފުރިހަމަވުމާއެކު މީހުން ޝައުގުވެރިވެއްޖެ ވަރަށް ބޮޑަށް. ފުރަތަމަ ރޭ ފެށި ހިސާބުން ލޯފަން ހަތަރު ވަރަކަށް މީހުން ގުޅުނު ކްލަބަށް. ދެން އެމީހުން ފަހުން އަތް ހިއްލާލާފައި ބުނެފި މިއީ ވަރަށް ބޭނުންވެފައި ތިބި ކަމެއް ކަމަށް. މާދަން ރޭގައިވެސް އޮންނާނެތޯ ސުވާލުކުރި. އެމީހުންނަށް ދެން މި ދިމާވާ ކަމަކީ ނުފެންނާތީ ޓީވީގެ އިނގިރޭސި ކޮމެންޓްރީ އަޑު އަހައިގެން މެޗު މި އަޑުއަހަނީ. އެކަމަކު އެއަށްވުރެ ދިވެހި ކޮމެންޓްރީ މާ ބޮޑަށްވެސް އެމީހުން އެންމެނަށްވެސް ކަމުދިޔަ،" ނައުފަލް ބުންޏެވެ.
ނައުފަލް މޮޑެރޭޓްކޮށް ހޯސްޓް ކުރަމުން ދިޔަ ކްލަބު ޝައުގުވެރިވެގެން ދިޔައީ ސާއިދުއާއެކު މުޅިން އެހެން ކޮންސެޕްޓަކަށް ގޮސްގެންނެވެ. ޕްރި މެޗަކާވެސްއެކު، މިހާރު ކުރިއަށްގެންދާ ގެންދިޔުން އެތައް ބަޔަކު ބަލައިގެންފިއެވެ. ހާއްސަކޮށް ލޯފަން މީހުންނަށް މިއީ މުޅިން އާ އިހުސާސެކެވެ. މިކަމުގެ އިސްނެގުމަށް ނައުފަލް ވަނީ ތިނަދޫގައި އެކިއެކި ކަންކަމުގައި އުޅޭ ހަތަރު ފަސް ޒުވާނުންގެ ގްރޫޕްތަކަށާއި ޖަމިއްޔާތަކަށް ޝުކުރު އަދާކޮށްފައެވެ.
ސާއިދުގެ 12 އަހަރުވީ ދިގު ކޮމެންޓްރީގެ ތާރީހުގައިވެސް މިއީ ތަފާތު ޝަރަފެކެވެ. ތަފާތު އިހުސާސެކެވެ.
ތިނަދުއަށް އުފަން ސާއިދު "ވަން"އަށް ބުނެފައިވާ ގޮތުގައި ފުރަތަމަ ޔޫރޯ ވާހަކަ ރޫމުގައި މަޖަލަކަށް ދެއްކި ނަމަވެސް، ފަހުން އަމިއްލަ ވިސްނުމަށް ރަނގަޅަށް، ސީރިއަސްކޮށް އެކަން ރަނގަޅު ކޮންސެޕްޓަކުން ދިވެހި ކޮމެންޓްރީއާއެކު މުޅިން ޕްރޮގްރާމަކަށް ބަދަލުކޮށްލީއެވެ.
"އަސްލު އަބަދުވެސް މި ކިޔަނީ އެކަކު އެނެކަކަށް އިހުތިރާމުކޮށް، އެންމެންވެސް ބައިވެރިކުރުވާށޭ. ކޮމެންޓްރީގެ ސަބަބުން ފުޓުބޯޅަ ނުފެންނަ ބަޔަކަށް މެޗުތައް އިހުސާސް ކޮށްލުމުގެ ފުރުސަތު މި ހޯދައިދެވުނީ. ތިނަދޫ ޒުވާން ކުދިންތަކެއްގެ މި އިސްނެގުން ވަރަށް ބޮޑަށް ފާހަގަކުރަން. އެމީހުން ހިތްވަރު ހުރީ އަހަންނާއެކު މުބާރާތް ނިމެންދެން ކުރިއަށް ދާން ކަމަށް ވާނަމަ އަޅުގަނޑުގެ އެ ހިތްވަރު އެބަހުރި. އަޅުގަނޑުގެ ބަލި ހާލަތު އެއީ އަދި އެހެން ކަމެއް. މިއީ ޝައުގުވެރިކަމުން ކުރާ ކަމެއް. މިއީ ކެރިއަރުގައިވެސް ކުރާ އެންމެ ތަފާތު އެއް ކަންތައް. މިއީ ޔޫރޯ، ވޯލްޑް ކަޕް ފަދަ މުބާރާތެއްގެ ކޮމެންޓްރީއެއް ދޭ ފުރަތަމަ ފަހަރު ކަމަށްވުމުން އެއީ ލިބޭ ޝަރަފެއް. އަދި ވަކިން ހާއްސަކޮށް ތިނަދޫ ޒުވާނުންތަކެއް އިސްނެގުން އެއީ ލިބޭ ހިތްވަރެއް. ބަޔަކަށް ހިތްވަރު ދޭން، ބަޔަކަށް ބޮޑު ކަމެއް ކޮށްދެވޭކަން އެއީ ވަރަށް އުފާވާ ކަމެއް،" ސާއިދު ބުންޏެވެ.
ސާއިދު ޔޫރޯ ތެނަދޫގެ ކްލަބުގައި ފުރަތަމަ ކޮމެންޓްރީ ދީ އާންމުންނާ ހަމައަށް ގެނެސްދިން މެޗަށް، ކަން ދިމާކުރި ގޮތުން ރާއްޖޭގައި އެންމެ ފުންނާބު ކޮމެންޓޭޓަރުންގެ ގޮތުގައި ފާހަގަވާ އަބްދުﷲ އަޒްމީނާއި އިމާދު ލަތީފަށްވެސް ބައިވެރިވެވުނެވެ. އެއްވެސް އިޝާރާތެއް ނުކޮށް އޮއްވައިވެސް، އެ ކްލަބަށް ވަދެ ކޮމެންޓްރީ ފުރިހަމަކޮށްލުމަށް އެ ތަޖުރިބާކާރުން ޖޮއިން ކުރި ކުރުން ވެގެންދިޔައީ ސާއިދަށް ހިތްވަރަކަށެވެ.
ސާއިދު އެ ކްލަބުގައި ފުރަތަމަ ކޮމެންޓްރީ ގެނެސްދިން މެޗަކީ އިޓަލީއާއި ބެލްޖިއަމް ކުޅުނު މެޗެވެ. ސާއިދު ކޮމެންޓްރީއާއެކު މެޗު ބަލަން ތިބި ބައެއް މީހުން ޓީވީގެ އިނގިރޭސި ކޮމެންޓްރީ އަޑު މަޑުކޮށްލާފައި ފޯނުން އަޑު ބާރުކޮށްގެން މެޗު ބެލި ކަމަށް އެ ކްލަބުގައި ވާހަކަދައްކަމުން ބުނެފައިވެއެވެ. އަދި ތިނަދުއަށް އެރޭ ވިއްސާރައިގެ ސަބަބުން ޓީވީގެ ހިދުމަތް މެދުކެނޑުމާއެކު އެތައް ބަޔަކު ވަނީ ސާއިދުގެ ކޮމެންޓްރީއަށް ބަރޯސާވެފައެވެ. ތިނަދޫ ލޮކްޑައުންވެ، ހާސްވެފައިވާ ހާލަތެއްގައި މިފަދަ އެހީތެރިކަމެއް ސާއިދު ދުރުގައި ހުރެ ދެވުމަކީ އޭނާއަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ.
އަބަދުވެސް ބްލައިންޑް އެސޯސިއޭޝަނާ ގާތް ގުޅުމެއް އޮންނަ ސާއިދަކީ ލޯފަން ކުދިންގެ ހާއްސަ އެކުވެރިއެކެވެ. އެ ކުދިންގެ ނަޒަރުގައި ސާއިދަކީ ޝުކުރު އަދާކޮށް ކޮޅުން ލާނެވެސް ވަރުގެ މީހެއް ނޫނެވެ. ސާއިދުގެ ހިދުމަތަކީ ލޯފަން ކުދިން ތާއަބަދު ޝުކުރު އަދާކުރާނެ ހިދުމަތެއްކަން ތަކުރާރުކޮށް ވަނީ ފާހަގަކޮށްފައެވެ.
"މިއީ އަސްލު ހަގީގަތުގައި ރާއްޖޭގެ ބްލައިންޑް ކުދިންނަށް ވަރަށް ބޮޑު ކަމެއް. ކަން ދިމާކުރި ގޮތުން ރާއްޖޭގައި ތިބި މެޖޯރިޓީ ބްލައިންޑް ކުދިންނަކީ ކިޔެވުމުގެ ފުރުސަތު ލިބިފައި ތިބި ކުދިންނެއް ނޫން. ފެނުމުގެ ނަސީބު ނުލިބިވާތީ އިނގިރޭސި ކޮމެންޓްރީ މި އަޑު އަހަން ޖެހެނީ. ގިނަ ކުދިންނަކަށް ނުވެސް އެނގޭނެ އިނގިރޭސި ކޮމެންޓްރީގައި ކިޔާ އެއްޗެއް. ފުޓުބޯޅައަށް ޝައުގުވެރިވާނެ ވަރަށް ގިނަ ކުދިން. މިހާރުވެސް ވާނުވާ ބަލަންވެގެން ބީބީސީ ރޭޑިއޯގެ ކޮމެންޓްރީވެސް އަޑުއަހާ. ދިވެހި މެޗުތަކުގެ ކޮމެންޓްރީވެސް ރޭޑިއޯއިން އަޑުއަހާނެ. ބުނާނެ އެއްޗެއްވެސް ނޭނގެ މި މަސައްކަތަށް. ބަޔަކަށް ނޭނގި ނަމަވެސް ކުރިއަށް އެ ގެންދެވެނީ އާދަޔާ ހިލާފު ބޭނުންތެރި މަސައްކަތެއް،" ބްލައިޑް ކޮމިއުނިޓީގެ ފަރާތުން ޒިޔާ ވިދާޅުވިއެވެ.
ސާއިދުގެ ކޮމެންޓްރީއާއެކު ކްލަބެއް ހޯސްޓް ކުރާކަން ކުދިންނަށް އެނގުނީ އިއްޔެއެވެ. ރޭގެ މެޗަށް އެކިއެކި ކުދިން މެދުވެރިކޮށް އަންގައިގެން ލޯފަން ގިނަ ބަޔަކު ސާއިދުގެ ކޮމެންޓްރީ އަޑު އެހުމަށް ކްލަބަށް ވަދެފައިވެއެވެ. ސާއިދު ބަލިކޮށް އުޅެމުން އެކަން ކޮށްދޭތީ ކުދިން އެކަމުގައި ކުރާ އިހުސާސް ވަރަށް ތަފާތު ކަމަށް ޒިޔާ ފާހަގަކުރެއްވިއެވެ.
"ސާއިދުގެ ހާލު ހުރިހާ ކުދިންނަށްވެސް އެނގޭ. އެ ހާލުގައި ހުރެގެންވެސް ސާއިދު އެކޮށްދޭ މަސައްކަތަކީ ހުރިހާ ކުދިންވެސް އަގު ނުކުރެވޭ ވަރަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމެއް. ދިވެހި ލީގުގައިވެސް ދަނޑަށް ދާން ނުޖެހުނަސް، ދަނޑަށް ގޮސް ކޮމެންޓްރީ ގެނެސްދޭ. އެ ޝުކުރު އަދާކުރަން ޖެހިފައި ތިއްބައި މި ކަންތައް އައީ. މިއަދު ހެނދުނުވެސް ޖަމިއްޔާގެ ގްރޫޕަށް ކުއްޖަކު ފޮނުވައިފައި އިން ވޮއިސްއެއް އަޑުއަހާލިން. ސާއިދު ކުރަން ޖެހޭ ކަމެއް ނޫނަސް އެކަން ކުރާތީ އެކަމަށް އަގު އަދާކުރެވޭތޯ ސުވާލުކޮށް އެކަމާ ވާހަކަވެސް ދައްކައިފައިވޭ،" ޒިޔާ ވިދާޅުވިއެވެ.
ސާއިދުގެ ސިފަކުރުން ވަރަށް ފުރިހަމައެވެ. ފެނުމުން މަހުރޫމުވެފައިވާ ބަޔަކު ދަނޑަށް ގެންގޮސްދިނުން ފަދައެވެ. އެއީ ސާއިދުގެ ކޮމެންޓްރީއަށް ލޯފަން އެތައް ބަޔަކު ގަޔާވާ ސަބަބެވެ.
"މެޗު ތެރެއަށް ވަދެ ދަނޑުގައި ތިބެވޭ އިހުސާސް މި ކޮށްދެނީ. ސާއިދު އެކުރާ ވަރަށް މީހަކަށް މެޗެއް ސިފަކޮށްދެވޭނީ. އެއީ ފުޓުބޯޅަ ބެލުމުގައި ހުރިހާ ކުދިންގެ ލޯ. ޔޫރޯގައިވެސް މިހާރު ހުރިހާ ކުދިންގެ ލޮލަކީ އެއީ. ބްލައިންޑް ހުރިހާ ކުދިން ގޭގައި ތިއްބައި ދަނޑަށް އެ ގެންގޮސް ދެނީ. ދަނޑުގައި ހިނގާ ކަންކަން އެއްވެސް ކަމެއް އުނި ނުވާ ގޮތަށް ސާއިދު ގެނެސްދޭ. އެއީ ޝުކުރު އަދާކުރަން ނުކުޅެދިފައިވާ ކަމެއް،" ޒިޔާ ވިދާޅުވިއެވެ.
ސާއިދުގެ ކޮމެންޓްރީއާއެކު އެ ކްލަބު ފުރިހަމަވެގެން ދިޔައީ އަޒްމީނާއި އިމާދު ލަތީފް ފަދަ ކޮމެންޓްރީގެ ދެވަނައެއް ނުވާ ޝަހުސިއްޔަތުތަކުން ކްލަބާ ގުޅުމުންނެވެ. އިމާދު ލަތީފާއި އަޒްމީން ކްލަބުގައި މަޑުޖެހުނީ އެކުރާ ކަންތަކުގެ މަގުސަދަށް އުފެދުނު ލޯތްބެއްގެ ސަބަބުންނެވެ.
"ކުއްލިއަކަށް ހަނދާނަށް އައީ ވަރަށް ބައިވަރު ކަންތައްތަކެއް. ޓެކް ބޭނުންކޮށްގެން ވާނުވާ ދެނެގަތުގެ ކަންކަން ލޯފަން ކުދިން ކުރަމުން އަންނަކަން އެނގުނު. އެ ކްލަބުގައި ބަޔަކު ހިލޭ ސާބަހަށް ކުރާ ކަމެއް، ބެލުމުން މަހުރޫމުވެފައިވާ ކުދިންނަށްޓަކައި. ރަސްމީ މެޗެއްގައި ކޮމެންޓްރީ، ޓެކްނިކަލް ސައިޑާ އެކުގައި، އިތުރަށް ފުރިހަމަ ކަމަކަށް ބޭނުން ނުވާ ވަރަށް ސާއިދާއެކު ޓީމުން ގެނެސްދޭ. އެއީ ވަރަށް މުހިއްމު ކަމެއް. މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ގޮތުގައި އަޅުގަނޑަށް ސިފަވީ. އަޅުގަނޑަށްވެސް އެއަށް ވަދެވުނީ ބަލައިލުމަށް. އެކަމަކު ސާއިދުގެ އަޑު ޖެހުމާއެކު އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ، ދެން އޭގެ ތެރޭގައި ބައިވެރިވުމަށް ފުރުސަތު ލިބުނު. އެއީ ވަރަށް މުހިއްމު ކަމެއް،" ރާއްޖޭގެ ފުޓުބޯޅަ އެނަލިސްޓް، އިމާދު ލަތީފް "ވަން"އަށް ބުންޏެވެ.
އަޒްމީންގެ އިހުސާސްތައްވެސް އޭނާ "ވަން"އާ ހިއްސާކުރިއެވެ.
"އެއީ ވަކި ކޮމިއުނިޓީއަކަށް ބޭސް ކޮށްގެން ފެށި ނަމަވެސް ވަރަށް ހާއްސަ ކަމަކަށްވެ ބްލައިންޑް އެސޯސިއޭޝަން އޭގެ ތެރެއަށް މިވަނީ. ދެން އިހުސާސްވީ ބައިވެރިކުރުމަށްޓަކައި ކުރެވެން އޮތް ކަމެކޭ މިއީ. މިހާރު ދެން ރާއްޖޭގައިވެސް ވަރަށް ގިނަބަޔަކާ ހަމައަށް ދާ އެއްޗެއް ކްލަބު ހައުސްއަކީވެސް. ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް، ލޯފަން މީހުންނަށް މިކަން ހާއްސަ ކުރެވުނީމަ. އެކަން ހާއްސަ ކުރެވުނު ހިސާބުން އިހުސާސްކުރެވުނު އެއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަން،" އަޒްމީން ބުންޏެވެ.
ދިވެހީން އެންމެ ހިތްހަމަޖެހޭ އެއް އަޑު، ކިޑްނީގެ ފެއިލިއާއާއެކު ހަނގުރާމަކުރަމުންދާއިރު ވެސް، ހިތްވަރުކޮށް ސާބިތު މަސައްކަތެއް ކުރަމުންދާތީ، ސާއިދަށް ޝުކުރާއި ސާބަސް ހައްގެވެ. ތިއީ ހިތްވަރު ގަދަ ދިވެހި ދަރިއެކެވެ. މިއަދު ތިހުރި ހާލަތުގައިވެސް ތިޔަ ބެލީ އެހެން ބަޔަކަށް އުފާވެރިކަން ގެނެވޭނެ ގޮތެއް ހޯދައި، އެ އުފާވެރިކަން ގެނެސްދިނުމަށެވެ. ހީވާގި ކުޅިވަރު ނޫސްވެރިޔާ މިއަދުވެސް ހިތްވަރާއެކު ތިޔަ ދައްކަނީ ނަމޫނާއެވެ. ތިޔައީ ލޯފަން ކުދިންގެ ހަގީގީ ހީރޯއެކެވެ. ތިނަދޫގެ ޒުވާނުންގެ އިސްނެގުމުގައި ހިފައި، މުޅި ޓީމުން ލޯފަން ކުދިން ހެއްވާލައިފިއެވެ. މުޅި ތިނަދޫ ވެސް ފަހުރުވެރިކޮށްދީފިއެވެ. ރޫހު ވަނީ ތިނަދޫގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް