މާދަމާ އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވަން ނިންމައިފިއެވެ.
ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވަން ނިންމާފައި މިވަނީ، ކޮވިޑުގެ ކޭސްތައް ދަށަށް ދިއުމާ ގުޅިގެން ސަރުކާރުން ބޮޑެތި ލުއިތަކެއްދީ، މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތައް ހުޅުވުމުގެ ހުއްދަ ދީފައިވާތީއެވެ.
ބީއެމްއެލުން ބުނީ އެ ކުންފުނީގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ. ނަމަވެސް ދެމުން ގެންދާނީ އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަމަށް ބުންޏެވެ.
ބީއެމްއެލްގެ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެއެވެ. އަދި ކިއުބީ މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެއެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ.
ބީއެމްއެލުން ބުނީ އެޕޮއިންޓްމަންޓް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ ކަމަށެވެ. އެޕޮއިންޓްމަންޓަށް ހިދުމަތް ދޭނީ ބީއެމްއެލްގެ އެކައުންޓް އޯޕެނިން ސެންޓަރުންނާއި ލޯން ސެންޓަރުންނާއި ބިޒްނަސް ސެންޓަރުންނެވެ. މި ސެންޓަރުތަކުން ހިދުމަތް ހޯދުމަށް ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.
ނަމަވެސް ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިންގެ ހިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށް ބޭންކުން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު