ޚަބަރު

ފަޅު ރަށްރަށް ވަރުވާއަށް ލިޔެދީ، ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް ގާނޫނު އިސްލާހު ކުރަނީ

އިބްރާހިމް ޒަކީ

ފަޅު ރަށްރަށް އެކި ވަރުވާއަށް ލިޔެދީ، އެ ފަރާތްތަކުން ރަށްތައް ވަކި ކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް، ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު އިސްލާހު ކުރަން ފޮނުވައިފިއެވެ.

އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލުގެ (ށ) ގައި ބުނެފައިވަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކި ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށެވެ.

ނަމަވެސް އިދާރީ ދާއިރާތަކުގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަޅު ރަށްރަށް ފިޔަވައި އެނޫން ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކި ކުރާނީ ގަވާއިދުގައިވާ ގޮތުގެ މަތިން ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކޮށްފައިވާ މިނިސްޓްރީން ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގެ ހަތްވަނަ މާއްދާގައި ބުނެފައި ވަނީ ވަރުވާއަށް ލިޔެ ދީފައިވާ ފަޅު ރަށަކުން ރުއްގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ ގަވާއިދުގައިވާ ގޮތުގެ މަތިން އަދި، ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގޮތުން އަމަލުކުރާ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެ މާއްދާގައި މިހާރު އޮންނަނީ އެފަދަ ރަށްރަށުން ލަކުޑި ކަނޑަން ވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ދޭ ލަކުޑި ސިޓީއަކަށް، އަތޮޅު ކައުންސިލުން ފޮނުވާ މީހަކާއި އެ ރަށެއް ލިޔުއްވައިގެން އުޅޭ ނުވަތަ ހަވާލުވެގެން ހުރި ފަރާތެއްގެ ނުވަތަ އެ ފަރާތުން ފޮނުވާ މީހެއްގެ ހާޒިރުގައި ކަމަށެވެ.

ނަމަވެސް ރިސޯޓު ހެދުމަށާއި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަޅު ރަށްރަށް ދޫކުރުމުގެ ބާރު ގާނޫނުން ގެންނަ އިސްލާހުން ކައުންސިލްތަކަށް ލިބިދީފައެެއްނުވެއެވެ.

ބިލުގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅު ރަށްރަށް ކުއްޔަށް ދޭނީ އިގުތިސާދީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ މިނިސްޓްރީން ކަމަށެވެ.

އިދާރީ ދާއިރާގެއްގައި ހިމެނޭ ފަޅުރަށެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ކަނޑައަޅައިފިނަމަ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ރަށެއް އެ ކައުންސިލެއްގެ އިހުތިސާސުން ވަކި ކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ނަމަވެސް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުން ފިޔަވައި، އެނޫން ބޭނުންތަކަށް ރަށް ކުއްޔަށް ދޫކުރާނީ، އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެގޮތަށް ކުއްޔަަށް ދޭ ރަށެއް ގިނަވެގެން 21 އަހަރު ދުވަހަށް ކުއްޔަށް ދެވޭނެ ކަމަށާއި ނަމަވެސް އެރަށުގައި މަސައްކަތް ފަށާ އިރު ކުރާ އިންވެސްޓްމެންޓް 10 މިލިއަން ޑޮލަރަށް ވުރެ ބޮޑުނަމަ އެ އިންވެސްޓްމަންޓްގެ ކުޑަ ބޮޑުމިނަށް ބަލައި 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީގައި ކިޔާފައިވި ނަމަވެސް ބިލު އަދި މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ. މި ބިލު ސްޕޮންސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.