ދީން

ރަޙުމަތުގެ ނަބިއްޔާގެ ތުއްޕުޅުއިރު 01

އަބްދުﷲ ފާރޫގް ހަސަން

1

ކާއިނާތުގެ ވެރި މާތް اللّـه سبحـانــه وتـعــالــى އެކަލާނގެ ރުހިވޮޑިގެންވާ ހަނީފީ ދީން ފުރިހަމަކުރެއްވުމަށްޓަކައި މިންވަރު ކުރައްވައިފައިވަނީ أبــوالأنـبـيــاء إبــراهيــم عـليــه السّـلام ގެ ދަރިކޮޅުގެ އިސްމާޢީލީ ގޮފީން ނަބީބޭކަލަކު ފޮނުއްވުމަށެވެ. إبــراهيــم عـليــه السّـلام އެކަލޭގެފާނުގެ ދަރިކަލުން إسمــاعـيـل ގެފާނާއި އެދަރިކަލުންގެ މައިކަނބަލުން هــاجــر މައްކާގައި ވަޒަންވެރިކުރެއްވީ މިދެންނެވި އިލާހީ މިޝަން ފުރިހަމަކުރެއްވުމަށްޓަކައެވެ.

ބަފައިކަލުންނާއި މައިކަނބަލުން

ރަޙުމަތުގެ ރަންތަރި އުދަރެހުން ފާޅުވި ޒަމާން އަތުވެއްޖެއެވެ. މައްކާގައި ވެރިކަންކުރަނީ ޤުރައިޝުވަންހައިގެ މީހުންނެވެ. އެއީ إسمــاعـيـل ގެފާނުގެ ދަރިކަލުން قـيــدار ގެ ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ. ޤުރައިޝުވަންހަޔަކީ ޢަރަބީންގެ އެންމެ ޢިއްޒަތްތެރި ޤަބީލާއެވެ. އެންމެ ބާރުހުރި ވަންހައެވެ. އެވަންހައިގެ އެންމެ ޤަދަރުހުރި ދަރިކޮޅަކީ عـبـد مـنــاف ވަންހައެވެ. އެވަންހައިގެ މާތްކަމުގެ ކުރިބޯއްޓަކީ عـبـد مـنــاف ގެ ދަރިކަލުން هــاشـم އެވެ. މައްކާގެ ވެރިކަމުގައި ހުންނެވީ عـبـد مـنــاف ގެ ދަރިކަލުން هــاشـم ގެ ދަރިކަލުން عـبـدالمطّـلـب އެވެ. އެކަލޭގެފާނުގެ އެންމެ ލޮބުވެތި ދަރިކަލުން عـبـداللّـه އަކީ އެޒަމާނުގައި ޤުރައިޝުވަންހައިގައި ހުންނެވި އެންމެ ރީތި ޒުވާނާއެވެ. ޤުރައިޝުވަންހައިގެ ރީތި ޒުވާން އަންހެންކުދީންގެ ފަރާތުން عـبـداللّـه ގެފާނަށްވަނީ يــوسف عـليــه السّـلام ގެ ޒަމާނުގައި އެކަލޭގެފާނަށް ކުރިމަތިކުރެވުނުފަދަ ކަންތައްތައް ކުރިމަތިކުރެވިފައެވެ. އެކަމަކު އެކަލޭގެފާނު ހުންނެވީ ޢިއްފަތްތެރި ޠާހިރުގޮތުގައެވެ. عـبـدالمطّـلـب ގެފާނުގެ ހުވަފެންފުޅާ ވިދިގެން عـبـداللّـه ގެފާނު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޤުރުބާން ކުރެއްވުމުގެ މައްސަލަ ހަމަޖެހިއްޖެއެވެ. عـبـداللّـه އަށް އަނބިކަނބަލަކު ހޯއްދަވައިދެއްވުމުގެ ވަގުތު އަތުވެއްޖެއެވެ. عـبـدالمطّـلـب ގެފާނު عـبـداللّـه ގެފާނު ގޮވައިގެން ވަޑައިގެންނެވީ ޤުރައިޝުވަންހައިންގެ ޤަދަރުހުރި ޢާއިލާއެއްކަމުގައިވާ ޒުހުރަތުވަންހައިގެ ރައީސް وهـب ގެ އަޚު وهـيـب ގެ އަރިހަށެވެ. އޭރު وهـب އަވަހާރަވެފައިވާތީއެވެ. عـبـدالمطّـلـب ގެފާނު وهـيـب ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ وهـيـب އެވެ. އަހަރެންގެ ދަރިފުޅު عـبـداللّـه ތިބާގެ ދަރިކަލަކަށް ހައްދަވާށެވެ. ތިބާގެ އަޚު وهـب ގެ ދަރިކަނބަލުން آمـنــة އާ މީނާއާ ކާވެނިކޮށްދެއްވާށެވެ." އޭރު عـبـدالمطّـلـب ގެފާނު ހުންނެވީ وهـيـب ގެ ދަރިކަނބަލުން هــالــة އާ ކާވެނިބައްލަވައިގެންނެވެ. وهـيـب عـبـدالمطّـلـب ގެފާނުގެ ހުށަހެޅުއްވުން ގަބޫލުކުރެއްވިއެވެ. އޭނާގެ އަޚު وهـب ގެ ދަރިކަނބަލުން آمـنــة ގެފާނާއި عـبـداللّـه ގެފާނާ ކާވެނިކޮށްދެއްވިއެވެ. آمـنــة ގެފާނަކީވެސް އެޒަމާނުގެ ޤުރައިޝުވަންހައިން ހޮވައިލެވޭ ރީތި އަންހެން ސާހިބެކެވެ. هــاشـم ވަންހައާއި زهـــرة ވަންހަވަނީ كـلاب بــن مــرّة އާ ހަމައިން ގުޅި އެއްވަންހަޔަކަށްވެފައެވެ. މިއީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ ބަފައިކަލުންނާއި މައިކަނބަލުންގެ ވަންހަފުޅު ގުޅި އެއްވަންހަފުޅަކަށްވާ ހިސާބެވެ. އެހެންކަމުން ކައުސާހިބާއަކީ ދެފަރާތްޕުޅުންވެސް ކަލަމިދި ޤުރައިޝީ އަޝްރާފެކެވެ.

ކައުސާހިބާގެ ބައްޕާފުޅާއި މަންމާފުޅާ ކާވެނިބައްލަވައިގެންނެވިތާ މާގިނަދުވަހެއްނުވެ عـبـداللّـه ގެފާނު ޝާމުކަރަޔަށް ވިޔަފާރި ދަތުރުފުޅަކު ފުރައިވަޑައިގެންފިއެވެ. عـبـدالمطّـلـب ގެފާނު عـبـداللّـه ގެފާނަށް އިރުޝާދު ދެއްވައިފައިވަނީ ޝާމްކަރައިން އެނބުރިވަޑައިގަންނަވާއިރު عـبـدالمطّـلـب ގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅުންގެ އަރިހުގައި މަދީނާގައި ދުވަސްކޮޅަކު މަޑުކޮށްލައްވާށެވެ. ކަދުރުގެ ވިޔަފާރި ކުރެއްވުމަށްޓަކައެވެ. عـبـداللّـه ގެފާނު މަދީނާގައި ހުންނަވަނިކޮށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއްގައި އެކަލޭގެފާނު ވަނީ އަވަހާރަވެފައެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން عـبـداللّـه ގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅު ފެށިފައިވަނީ ޝާމްކަރައިގައި ހުންނަވަނިކޮށެވެ. މަދީނާގައި މަޑުކުރެއްވީ އާލާސްކަންފުޅުގެ ސަބަބުންނެވެ.

ރަޙުމަތުގެ ރަންތަރި ފާޅުވުން

ރަޙުމަތުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ އަބްރަހަތު ގެފުޅު މުގުރާން އައުމުން އަރަހުށި މާތް اللّـه އޭނާއާއި އޭނާގެ ލަޝްކަރު ހަލާކުކުރެއްވިތާ ފަންސާސްވަނަޔަށްވީ ދުވަހުއެވެ. ދުވަހަކީ ރަބީޢުލްއައްވަލުމަހެއްގެ ކުރީކޮޅުގެ ހޯމަ ދުވަހެކެވެ. ޢަރަބީން އެ އަހަރަށް ކިޔައިއުޅެނީ ޢާމުލްފީލެވެ. ވަގުތަކީ ފަތިހުގެ ވަގުތެވެ. ޢާއްމުގޮތެއްގައި މަޝްހޫރުވެފައިވާ ގޮތުގައި އެދުވަހަކީ ޢާމުލްފީލުގެ ރަބީޢުލްއައްވަލުމަހުގެ ބާރަވަނަ ދުވަހެވެ. ނަމަވެސް މިހާރުގެ އިތުބާރުހުރި މުއައްރިޚުންނާއި ފަލަކީ ޢިލްމުވެރީން އިއްތިފާޤު ވެވަޑައިގެންފައިވާ ގޮތުގައި އެދުވަހަކީ 9 ރަބީޢުލްއައްވަލް 1 ޢާމުލްފީލެވެ. މީލާދީ ސަނަތުން 20 އެޕްރީލް 571 އެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ މައިކަނބަލުން آمـنــة ގެފާނު އިންނެވީ އެކަމަނާގެ އެބޭބޭފުޅުގެ ބެއްލެވުމުގެ ދަށުގައެވެ. އިތުރު ސާހިބާ ރައްކައުވި ޚަބަރު ދެއްވުމަށްޓަކައި آمـنــة ގެފާނު ފޮނުއްވި ބަޝީރު ވަޑައިގެންނެވިއިރު ކާފާކަލުން عـبـدالمطّـلـب ހުންނެވީ ފަތިހުގެ ޠަވާފު ކުރެއްވުމަށްޓަކައި كـعـبــة اللّـه ގެފުޅު އަރިހުގައެވެ. عـبـدالمطّـلـب ގެފާނަށް އެޚަބަރު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނަށް ލިބިވަޑައިގެންނެވީ ބަޔާންނުކުރެވޭފަދަ މަތިވެރި އުފާފުޅެކެވެ. އެކަލޭގެފާނު އަވަސްއަވަހަށް ވަޑައިގެންނެވީ ލޮބުވެތި ކާފަދަރިކަލުން ދެކެވަޑައިގެންނެވުމަށެވެ. ލޮބުވެތި ދަރިކަލުން މޭފުޅުގައި ޖައްސަވައި ބޮނޑިކޮށްލެއްވިއެވެ. ދަރިކަލުންގެ ނިތްކުރިފުޅުގައި ބޮސްދެއްވިއެވެ. ހަމައެވަގުތު އެދަރިކަލުން ގޮވައިގެން ވަޑައިގެންނެވީ ޙަރަމްފުޅުގެ ތެރެޔަށެވެ. كـعـبــة اللّـه ގެފުޅު ހުޅުއްވައިގެން ދަރިކަލުން ގޮވައިގެން ވެދެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް މިދެއްވި އަގުބޮޑު ހަދިޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އެދަރިކަލުންގެ އުމުރުފުޅު ދިގުކުރައްވައި މަތިވެރި ކާމިޔާބީތަކެއް މިންވަރު ކޮށްދެއްވުން އެދިވަޑައިގެން އިބްތިހާލު ވެވަޑައިގެންނެވިއެވެ. عـبـدالمطّـلـب ގެފާނު އެދުވަހު ވިދާޅުވި ދުޢާފުޅުގެ ޅެމުގެ ޚުލާޞާ މާނައިގައިވެއެވެ.

"ހުރިހާ ޙަމްދަކާއި ތާރީފެއްހުރީ ރަތްކުލަޔަކަށްދާ ދޮންކުލައިގެ މި ޠާހިރު ލޮބުވެތި ދަރިފުޅު މިއަޅާއަށް ދެއްވި ދީލަތިވަންތަ اللّـه އަށެވެ. މީނާގެ ތުއްތުއިރުވެސް މީނާއަކީ ކުޑަކުދީންގެ އަމީރެއްކަމުގައި ލައްވާނދޭވެ! އޭ ދީލަތިވަންތަ މާތް اللّـه އެވެ! މިއަޅާގެ މިދަރިފުޅު އިބަރަސްކަލާނގެ ރައްކާތެރިކަމުގެ ދަށަށް ދޫކޮށްލަމެވެ. އިބަރަސްކަލާނގެއީ މިފެންނަ ގަދަފަދަވެގެންވާ ރައްކާތެރި މާތް ގެފުޅުގެ ވެރި ރަސްކަލާނގެއެވެ. މިއަޅާ އެދެނީ މި ދަރިފުޅަކީ ދުޅަހެއި ގުނަވަންތައް ވަރުގަދަ ޒުވާނަކަށްވާތަން ދެއްކެވުމެވެ. ކޮންމެ ދުޝްމިނެއްގެ ކިބައިން މި ދަރިފުޅު ޙިމާޔަތް ކޮށްދެއްވުން އެދެނީ އިބަރަސްކަލާނގެ ރައްކައުތެރިކަމާއި ޙިމާޔަތުގެ ބާރުގައެވެ. ކޮންމެ ހަސަދަވެރިއަކާއި ނުނިޔަތްލާ މީހެއްގެ ކިބައިން މިދަރިފުޅު ރައްކާތެރި ކޮށްދެއްވުން އެދެނީވެސް އިބަރަސްކަލާނގެ ޙަޟުރަތުންނެވެ. މީނާއަކީ ކުޅަދާނަ ބަސްވާރެއް ކަމުގައްޔާއި ދޫފަސޭހަ ބަސްމޮށުންތެރިޔަކު ކަމުގައި ވެއްޖައުމަށް ދާނދެނެވެ."

ބިންމަތީގައި ނަންފުޅަކީ محـمّــد އެވެ.

عـبـدالمطّـلـب ގެފާނު ލޮބުވެތި ކާފަ ދަރިކަލުންނަށް ހަތްދުވަސްފުޅުވީ ދުވަހު ޢަޤީޤާ ކަތިލައްވައި ޤުރައިޝުންނަށް ދަޢުވަތު ދެއްވިއެވެ. ޢަޤީޤާ ކަތިލުމަކީ އިބްރާހީމީ ސުންނަތްތަކުގެ ތެރެއިން އޭރުވެސް ޢަރަބީންގެ ތެރެއިން ފިލައިގެން ނުގޮސް އޮތްކަމެކެވެ. عـبـدالمطّـلـب ގެފާނުގެ ލޮބުވެތި ކާފަދަރިކަލުންނަށް ނަންދެއްވީ محـمّــد ގެ ނަމުންނެވެ. އެނަންފުޅަކީ ޤުރައިޝުންގެ ނަންކިޔުމުގެ އާދަޔާ ޚިލާފު ނަންފުޅެކެވެ. އެހެންކަމުން ޤުރައިޝުން އެކަމާ ސުވާލުކުރިއެވެ. عـبـدالمطّـلـب ގެފާނު ޖަވާބު ދެއްވިއެވެ. "އަހަރެން އެދެނީ އުޑުގައި މާތް اللّـه އަހަރެންގެ މިދަރިކަލުންނަށް ތާރީފު ކުރެއްވުމެވެ. ބިންމަތީގައި ޚަލްޤުތަކުން މިދަރިފުޅަށް މާތްކޮށްހިތައި ސަނާ ކިޔުމެވެ."

سـيّـدة آمـنــة ވިދާޅުވާގޮތުގައި އެކަމަނާގެ ދަރިކަލުންގެ ނަންފުޅެއްކަމުގައި ހުވަފެންފުޅުގައި ބަޝާރަތު ލިބިވަޑައިގެންފައިވަނީ أحـمـد އެވެ. އެބަޝާރަތު ލިބިވަޑައިގެންނެވީ هــاجــر އަށް އެކަމަނާގެ ދަރިކަލުންގެ ނަންފުޅަކީ إسمــاعـيـل ކަމުގައި އިލްހާމްކުރެއްވި ފަރާތްޕުޅުންނެވެ. مــريــم ގެފާނަށް އެކަމަނާގެ ދަރިކަލުންގެ ނަންފުޅަކީ عيسـى ކަމުގައި ބަޝާރަތު ލިބިވަޑައިގެންނެވި މަސްދަރުންނެވެ. محـمّــد އާއި أحـمـد އަކީ މާނައިގެ ގޮތުން ވަރަށް ކައިރި ދެނަމެވެ. ދާދި އެއްމާނައެއްގެ ދެނަމެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ޙަދީޘްކުރައްވައިފައިވެއެވެ. "އުޑުގައި އަހުރެންގެ ނަމަކީ أحـمـد އެވެ. ބިމުގައި محـمّــد އެވެ."

ކިރުފޮދު ހިއްޕެވުން

سـيّـدة آمـنــة އެކަމަނާގެ ދަރިކަލުންނަށް ކިރުފޮދު އެރުއްވީ ހަތްދުވަހުއެވެ. މައްކާގެ އަޝްރާފުންގެ އާދަޔަކީ ކުދީންގެ އުމުރުން ހަތްދުވަސްވުމުން އެކުދީން ކިރުމައިންނާ ހަވާލުކުރުމެވެ. ކައުސާހިބާގެ އުމުރުފުޅުން ހަތްދުވަސްފުޅުވުމުން އިތުރު ސާހިބާ ހަވާލުކުރެވުނީ ކިރުމައިކަނބަލަކާއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް ދެވަނަޔަށް ކިރުފޮދު އެރުއްވި ބޭކަނބަލަކީ ثــويـبــة الأسلميّــة އެވެ. ثــويـبــة ހަފުތާތަކެއްވަންދެން އިތުރު ސާހިބާއަށް ކިރުފޮދު އެރުއްވިއެވެ. އާޔާއެއްގެ ހައިސިއްޔަތުން އެދަރިކަލުން ބެލެހެއްޓެވީ އެކަމަނާއެވެ. ثــويـبــة ވަނީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ބޮޑުބޭބޭފުޅު حـمــزة رضى اللّـه عـنــه އަށްވެސް ކިރުފޮދު އަރުއްވައިފައެވެ. އިތުރު ސާހިބާގެ ބޮޑުދައިތާފުޅު أمـيـمــة ގެ ދަރިކަލުން عـبـداللّـه بن جحش رضى اللّـه عـنــه އަށާއި އިތުރު ސާހިބާގެ ބޮޑުދައިތާފުޅު بـــرّة ގެ ދަރިކަލުން عـبـداللّـه بن عـبـدالأســد رضى اللّـه عـنــه އަށްވެސް ކިރުފޮދު އަރުއްވައިފައެވެ.

ثــويـبــة އަކީ އިތުރު ސާހިބާގެ ބޮޑުބޭބޭފުޅެއްކަމުގައިވާ أبــو لـهـب ގެ އަޚެކެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން أبــو لـهـب ވަނީ އެކަމަނާ މިނިވަންކޮށްފައެވެ. آمـنــة ގެފާނު އިތުރު ސާހިބާ ރައްކައުވިރޭ އެ އުފާވެރިކަމުގެ ޚަބަރާއިގެން أبــو لـهـب ގެ ގާތަށް ދިޔުމުންނެވެ. ނަމަވެސް އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން أبــو لـهـب އެކަމަނާ މިނިވަނެއް ނުކުރެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم، أمّ المـؤمـنـين السّــيّدة خـديـجــة رضـى اللّـه عنــهــا އާ ކާވެނިބައްލަވައިގެންނެވުމުން خـديـجــة ގެފާނު ثــويـبــة މުކާތިބު އަޅަކަށް ހަދައިދިނުން އެދިވަޑައިގެން أبــو لـهـب ގެ ކިބައިން އެކަން އެދިވަޑައިގެންނެވިއެވެ. أبــو لـهـب ބުނި ކޮންމެ އަގެއް ދެއްވާގޮތަށެވެ. އެކަމަކު أبــو لـهـب އެކަން ގަބޫލެއް ނުކުރިއެވެ.

(ނުނިމޭ)