ކޮފީއާ ބެހޭގޮތުން އަބަދުވެސް އެކި ކަހަލަ ދިރާސާތައް ހެދި އޭގެން ލިބޭ ގެއްލުމާއި ފައިދާތަކުގެ ވާހަކަތައް ދެކެވެއެވެ.
މިމައުލޫއަކީ އަބަދުވެސް ބަހުސްކުރަމުން އައިސްފައިވާ މައުލޫއެކެވެ. މިލިޔުމުގައި މިބަލައިލަނީ ކޮފީއިން ލިއްބައިދޭ ފައިދާތަކުގެ މައްޗަށެވެ.
ހެނދުނުގެ ވަގުތު ތާޒާ ކޮފީތަށްޓެއް ބޮއިލުމުން ސިކުނޑި ތާޒާ ވެ، މަސައްކަތްކުރަން ފަސޭހަވެގެން ދެއެވެ. މަސައްކަތުގައި އަވަދިނެތި އުޅޭ އުޅުމުގައި، ސިކުނޑީގެ ހާސްކަން ފިލުވައިލުމަށް ބޯލާ ކޮފީ ތަށިން ސްޓްރެސްވުން ކުޑަ ކޮށްދެއެވެ.
ގޭތެރޭގެ މަސައްކަތްތަކުގައި އަވަދިނެތި އުޅޭ އުޅުމުގައިވެސް ދުވަސް ފެށުމުގެ ކުރީން ހޫނު ތާޒާ ކޮފީ ތަށްޓެއް ބޯލުމުން މަސައްކަތް ކުރުމުގައި އިތުރު ބާރަކަށް ވެގެންދެއެވެ.
ނަމަވެސް ވަކި ހައްދެއް ނެތި ކޮފީ ބުއިމުގެ ސަބަބުން ލިބޭ ގެއްލުންތައް ފާހަގަކޮށް ކޮފީ ބޯ މިންވަރު ދަށް ކުރުމަށް ޑޮކްޓަރުން އިންޒާރު ދެއެވެ. ދުވާލެއްގެ މައްޗަށް ކޮފީ ބޯ މިންވަރު 3-4 ތަށްޓަށްވުރެ އިތުރުވިޔަ ނުދީ ކޮފީ ބުއިމުގެ އާދަ ގެންގުޅޭ ނަމަ، ސިއްހަތަށް ލިބޭ ފައިދާތައްވެސް މަދެއް ނޫނެވެ.
ގަވާއިދުން ކޮފީ ބޯނަމަ، ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައިޓައިދީ ހިތުގެ ބަލިތަކުން ދުރުކޮށް، ސްޓްރޯކު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. ނަމަވެސް ބުނެވިދިޔަ ލިމިޓަށް ވުރެ ގިނައިން ކޮފީ ބޯނަމަ، ލޭގެ ޕްރެޝަރު މަތިވުމަށް މަގުފަހި ކުރުވައެވެ. އެހެންކަމުން ވަކި މިންވަރެއްގައި ކޮންމެ ދުވަހަކުވެސް ކޮފީ ބުއިމުގެ އާދަ ގެންގުޅުން ރަނގަޅެވެ.
ކޮފީއިން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި ކޮފީ އެއްވެސް ވަރަކަށް ނުބޯ މީހުންނާ އަޅައި ބަލާއިރު ކޮފީ ބޯމީހުންނަށް ޓައިޕް-2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
ދުވާލަކު 2-3 ތަށި ކޮފީ ބޯނަމަ، ފުރަ މޭ ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީވެދީ ފުއްޕާމެއަށް ޖެހޭ ބަލިތަކުން ދުރުކޮށްދޭން އެހީތެރި ވެދެއެވެ. މޭގެ ކެންސަރު ޖެހުމުން ދުރުކޮށްދިނުމާއި، ހެޕަޓައިޓިސް-ސީ ޖެހުން ދުރުކޮށްދިނުމުގެ އިތުރުން ކޮފީގައި އެކުލެވޭ އެންޓިއޮކްސިޑަންޓުގެ އެހީގައި ފުރަމެއަށް އިތުރު ފައިދާތައް ވެސް ކުރުވައެވެ.
މާޔޫސް ވުމާއި ޑިޕްރެޝަން ފަދަ ނަފުސާނީ ބަލިތައް ކޮފީގެ ސަބަބުން ދުރުކޮށްދެއެވެ. ދުވާލެއްގެ މައްޗަށް 3-4 ތަށި ކޮފީ ބޯނަމަ، މޫޑު ރަނގަޅުވެ، ހެލިފެލިވެ އުޅުމަށް އެހީތެރިވެދެއެވެ. ނަމަވެސް ޑިޕްރެޝަން ފަދަ ބައްޔަކަށް ބޭސްކުރާ މީހެއް ނަމަ، ކޮފީ ބޯ މިންވަރު އިތުރުވިޔަ ނުދީ ވަކި ލިމިޓެއްގައި އަބަދުވެސް ހިފެހެއްޓުމަށް ސަމާލުކަން ދޭން ވާނެއެވެ.
ބުނެވިދިޔަ ކަންކަމަށް ބަލާއިރު، ކޮފީއަކީ ނުބޮއި ދޫކޮށްލާވަރުގެ އެއްޗެއް ނޫނެވެ. މުހިއްމު ކަމަކީ ކަނޑައެޅިފައިވާ ހައްދަށްވުރެ ގިނައިން ކޮފީބުއިމުގެ އާދަ ދޫކޮށްލުމެވެ. ކޮންމެ ކަމެއްގައިވެސް މެދުމިން އިހުތިޔާރު ކުރަން އޮންނަ ފަދައިން ކޮފީ ބުއިމުގައިވެސް މެދުމިން ގެންގުޅޭ ނަމަ މިކަމުން ސިއްހަތަށް ފައިދާކުރާނެއެވެ.
ކޮފީ ބުއިމަކީ ފައިދާތަކެއް ލިބޭ ކަމެއް ނަމަވެސް، މިކަން ބިނާ ވަނީ އެމީހެއްގެ ސިއްހަތުވެސް ހުރި ގޮތެއްގެ މައްޗަށެވެ. މިފަދަ ކަންކަން އަބަދުވެސް އެންމެ ފިޓުކޮށް ހުށަހެޅޭނީ ހުރިހައި ގޮތަކުން ވެސް ފިޓު މީހުންނަށެވެ. އެކި ކަހަލަ ބަލި ހުންނަ ނަމަ، ދިގު މުއްދަތަށް ފަރުވާއެއް ކުރާ ނަމަ، ކޮފީން ވެދާނެ ގެއްލުމާއި ފައިދާގެ ސިއްހީ ލަފާ ހޯދުމަކީ އަބަދުވެސް މުހިންމުކަމެއްކަން ހަނދާން ކުރާށެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް