ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅުންހުރި އަށް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ބުނެފިއެވެ.
ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް އުފައްދާފައިވާ "މޭ ހައެއް" ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މިރޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެރެއިން ފެށިގެން ތަހުގީގު މަސައްކަތް ފަށާފައިވާ ކަމަށާއި ބޭރުގެ މާހިރުންނާ އެކު މައްސަލައިގެ ތަހުގީގުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ސީޕީ ވިދާޅުވެފައިވާ ކަމަށެވެ. އަދި ފޮރިންސިކް އަދި ޑިޖިޓަލް އެވިޑެންސް ތަހުގީގު ކުރުމަށް އެކެރިކާގެ އެފްބީއައި އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ސީޕީއާ ހަވާލާދީ އަފީފް ވިދާޅުވިއެވެ.
ހަމަލާދިނުމުގައި ބައިވެރިވި މީހުން 48 ގަޑިއިރުގެ ތެރޭގައި ދެނެގަނެވިފައިވާ ކަމަށާއި ވަރަށް އަވަހަށް އެފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވެފައިވާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
"މިހާރު އެމީހުންނަށް އެހީތެރިވެ، ބައިވެރިވި ފަރާތްތަކާއެކު ޖުމްލަ އަށް މީހަކު ތަހުގީގަށް ދެނެގަނެވިފައިވާކަން. މީގެ ތެރެއިން ފަސް މީހުން ސީދާ މި މައްސަލައިގައި ހައްޔަރުކޮށްފައިވާއިރު، އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގަމުން ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ކަމަށް ވިދާޅުވި،" އަފީފް ވިދާޅުވިއެވެ.
ހަމަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް އެކި ގޮތްގޮތުން ހެކި އެއްކޮށްފައިވާ ކަމަށް އެގޮތުން ފޮރިންސިކް ހެކީގެ ގޮތުގައި ޑީއެންއޭ އާއި ފުޓް ޕްރިންޓާއި ސީސީޓީވީ ފުޓޭޖާއި ޑޭޓާ އާއި ހެކީންގެ ހެކިބަސްވެސް ލިބިފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަލާދިނުމަށް ރާވާ ތައްޔާރުވުމަށް ހިންގި ބައެއް ކަންކަމާއި ހަމަލާ ދިނުމަށްފަހު އަދި ހަމަލާދިން ވަގުތު ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަމަލުތައް ހުރި ގޮތާއި ތިބި ތަންތަން ފުލުހުން ސީސީޓީވީ ފުޓޭޖްގެ އަލީގައި ދެނެގަންފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި،" އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބަންދުގެ މުއްދަތު ހަމަވާން ކައިރިވެފައިވާ މީހުންނަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޝަން ކޭސްފައިލް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް ސީޕީ ވިދާޅުވެފައިވާ ކަަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ފަސް މީހެއްގެ ވަނަ ވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.
ޚަބަރު
ޚަބަރު
ޚަބަރު