އެއާޕޯޓުގައި މުޒާހަރާކުރިކަމަށް ބުނެ ހުކުމްކުރި އެމްޑީޕީ އަންހެނުންގެ ރޫހުގެ މެންބަރުންގެ މައްސަލައިގައި އޭރުގެ ޕީޖީ މުހްތާޒު މުހްސިން މައާފަށް އެދެން ޖެހޭކަމަށް ބުނެ، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ އާދިއްތަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދު އިސްވެ ހުންނަވައެވެ.

މި މައްސަލައިގައި އެމްޑީޕީގެ މެންބަރުން އެދިފައިވަނީ، އެ މައްސަލަ ހިނގިއިރު ޕްރޮސިކިއުޓާ ޖެނެރަލް ކަމުގައި ހުންނެވި މުހުތާޒް މުހުސިން، މާފަށް އެދުމަށް އެންގުމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް އަލުން ހުށަހެޅުމަށެވެ.

ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި 2015 ވަނަ އަހަރުގެ މާޗު މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކޮށްފައިވާތީކަމަށް ބުނެ ތިން މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އެމްޑީޕީގެ 13 އަންހެނަކާއި ފިރިހެނަކަށް ހުކުމް ކުރިއެވެ.

އެ ހުކުމްކޮށްފައިވަނީ މަނާ ސަރަހައްދެއްގައި "އެއްވުމެއް" ބޭއްވިކަމުގެ ކުށުގެ ދައުވާގައެވެ.