ޔޫރޯ 2020

ހަޒާޑާއެކު ބެލްޖިއަމްގެ ރަން ޖީލުވެސް "މުސްކުޅި" ވަނީ، މިއީ ފަހު ފުރުސަތު!

ފީފާ ރޭންކިންގެ އެއްވަނައިގައި ބެލްޖިއަމް އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ހޯދަން ބޭނުންވި ނަމަވެސް، އެޓީމުގެ ހަރުގަނޑަށް މަދުވަނީ ހަމައެކަނި ޓްރޮފީއެކެވެ. ބެލްޖިއަމްގެ ގޯލްޑަން ޖެނެރޭޝަން ނުވަތަ ރަން ޖީލު ފެއިލް ވެގެންދާކަށް އެޓީމުގެ އެއްވެސް ކުޅުންތެރިޔަކު ބޭނުމެއް ނުވާނެއެވެ.

ބެލްޖިއަމްގެ ރަން ޖީލުން ވަނީ ވޯލްޑް ކަޕާއި ޔޫރޯގައި ކާމިޔާބު މިސްރާބަކަށް ދަތުރުކޮށްފައެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް އެ ދަތުރު ނިންމާލަން ޖެހެނީ ޓްރޮފީއެއްގައި އަތްޖައްސައި ނުލެވިއެވެ. އެ ހިތި މާޒީ ހަނދާން ނައްތައިލުމަށް ރަން ޖީލަށް އަދިވެސް ފުރުސަތެއް އެބައޮތެވެ. ޔޫރޯ 2020 އަކީ ޓްރޮފީއަކަށް ކުރާ އުންމީދުގެ އެންމެ ފަހު ފުރުސަތަށް ވުމަކީ ގާތް ކަމެކެވެ.

ބެލްޖިއަމަށް އަދި ބޮޑު މުބާރާތެއްގެ ޓްރޮފީއެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ބެލްޖިއަމުން ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބަކީ ޔޫރޯ 1980ގެ ރަނަރަޕް ކަމެވެ. އެފަހަރުގެ ފައިނަލުގައި ފަހު ވަގުތު ބެލްޖިއަމް ބަލިވީ ވެސްޓް ޖަރުމަން އަތުންނެވެ.

ސެޕްޓެމްބަރު 2018 އިން ފެށިގެން ބެލްޖިއަމުން އަންނަނީ އެ މަގާމު ދަމަހައްޓަމުންނެވެ. މީގެ ކުރިން ނޮވެމްބަރު 2015 އިން ފެށިގެން މާޗް 2016 އަށް ވެސް ބެލްޖިއަމުން ވަނީ ރޭންކިންގެ އެއްވަނައިގައި ހިފަހައްޓާލައިފައެވެ. އެންމެ ފަހުގެ ޔޫރޯގައި ބެލްޖިއަމުން ކުއާޓާ ފައިނަލަށް ދަތުރުކުރި ނަމަވެސް، އެޓީމަށް ވަނީ ވޭލްސް އަތުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އަދި ވޯލްޑް ކަޕް 2018ގެ ފައިނަލާ ގާތަށް ޖެހިލި ނަމަވެސް، ސެމީ ފައިނަލުގައި އެޓީމަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ އެ ފަހަރު ޗެމްޕިއަންކަން ހޯދި ފްރާންސް އަތުންނެވެ.

ޔޫރޯ 2020 އަކީ ޓްރޮފީއެއް ހޯދުމަށް ބެލްޖިއަމަށް ލިބޭ ތިންވަނަ ފުރުސަތެވެ. ހުނަރުވެރި އެތައް ކުޅުންތެރިންތަކަކާއެކު ނުކުމެ އޮތް ބެލްޖިއަމް ޓީމަކީ މިފަހަރުގެ ޔޫރޯގެ ވަރުގަދަ ފޭވަރިޓެކެވެ.

ރަން ޖީލުގެ ކުޅުންތެރިންނަށް އޮތް މައްސަލައަކީ ވަގުތު ނެތުން!

ބެލްޖިއަމަށް އެންމެ ގިނަ މެޗު ކުޅުނު ހަ ކުޅުންތެރިން ކަމަށްވާ ޖޭން ވާޓޮންގެން، އެކްސެލް ވިޓްސެލް، ޓޮބީ އަލްޑާވެރާލްޑް، އެޑެން ހަޒާޑް، ޑްރައިސް މާޓެންސް އަދި ރޮމެލޫ ލުކާ، މިހާރުވެސް ސްކޮޑުގައި އެބަތިއްބެވެ. ޔޫރަޕްގެ އެންމެ ނުރައްކާތެރި އެއް ސްޓްރައިކަރު އަދި ބެލްޖިއަމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ލުކާކޫ ވެސް ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އޭނާ ވަނީ ބެލްޖިއަމަށް ކުޅުނު 96 މެޗުން 63 ލަނޑު ކާމިޔާބުކޮށްފައެވެ. ޔޫރަޕުގެ އެންމެ މޮޅު އެއް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވެސް ބެލްޖިއަމްގެ ސްކޮޑުގައި ހިމެނެއެވެ.

ބެލްޖިއަމްގެ ރަން ޖީލަށް އޮތް ކަންބޮޑުވުމަކީ އެ ކުޅުންތެރިންނަށް ވަގުތު ނެތުމެވެ. ކުޅުންތެރިންގެ އުމުރު ދޮށިވުމެވެ. ސްކޮޑުގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން ލުކާކޫ އާއި ޑިބްރޭނާ، އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ރަނގަޅު ފޯމެއްގައި ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، ދެން ތިބި ސީނިއާ ކުޅުންތެރިން އުމުރުގެ ސަބަބުން އެންމެ ރަނގަޅު ފޯމެއްގައި ތިބޭނެ ކަމަކަށް ނުބެލެވެއެވެ.

ރެއާލް މެޑްރިޑުގައި އަނިޔާއަކަށްފަހު އަނިޔާއެއް ލިބެމުންދާ ބެލްޖިއަމްގެ ކެޕްޓަން ހަޒާޑަށް މިހާރު ވަނީ 30 އަހަރު ފުރިފައެވެ. އަލްޑާވެރާލްޑާއި ވެޓްސެލްއަށް 32 އަހަރު، ވާޓޮންގެން އާއި މޭޓަންސްއަށް 34 އަހަރު އަދި ވަމާލެންގެ އުމުރުން މިހާރު 35 އަހަރެވެ. އެހެންކަމުން ބެލްޖިއަމްގެ ރަން ޖީލުގެ ކުޅުންތެރިން މިހާރު އެތިބީ ރިޓަޔާމަންޓާ ގާތުގައެވެ.

ބެލްޖިއަމަކީ އެހެން ޓީމުތަކަށް ބޮޑު ނުރައްކަލެއް!

އުމުރުގެ ކަންބޮޑުވުން އޮތް ނަމަވެސް، މިފަހަރުގެ ޔޫރޯގައި ބެލްޖިއަމް ފެންނަނީ ނުރައްކާތެރި ޓީމެއްގެ ގޮތުގައެވެ. ފުރަތަމަ 11 އަދި ބެންޗުގައި ވެސް ތިބީ ހުނަރުވެރި ކުޅުންތެރިންނެވެ. ގްރޫޕު ސްޓޭޖުން ފެށިގެން ބެލްޖިއަމުން އަންނަނީ އެޓީމަކީ ނުރައްކާ ޓީމެއްކަން ދައްކަމުންނެވެ.

މުބާރާތުގެ ގަދަ 16 އަށް ބެލްޖިއަމް ދަތުރުކުރީ ގްރޫޕު ސްޓޭޖުގައި 100 ޕަސަންޓް މޮޅުވުމުގެ ރެކޯޑަކާއެކުއެވެ. ބެލްޖިއަމްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ރަޝިއާގެ އަމިއްލަ ދަނޑުގައި 3-0ގެ ނަތީޖާއަކުން އެޓީމު ބަލިކޮށްފައެވެ. ދެވަނަ މެޗުގައި 2-1ގެ ނަތީޖާއަކުން ޑެންމާކް ބަލިކުރި އިރު، ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ފިންލެންޑް އަތުން މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

ގަދަ 16 ގައި ބެލްޖިއަމް ނުކުންނަން ޖެހުނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށެވެ. މުބާރާތުގައި ބެލްޖިއަމްގެ ހަގީގީ ޓެސްޓަކަށް ވީވެސް އެ މެޗެވެ. ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު އެ މެޗުން ބެލްޖިއަމް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އިޓަލީ ވެސް ވަރުގަދަ، އުނދަގޫ ރާސްތާއެއް!

މި މުބާރާތުގައި އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ އަނެއް ޓީމަކީ އިޓަލީއެވެ. ބެލްޖިއަމުން ކުއާޓާގައި މިރޭ ނުކުންނަން ޖެހޭނީ ވެސް އިޓަލީއާ ދެކޮޅަށެވެ. އިޓަލީއަކީ މި މުބާރާތުގައި އެންމެ ފޯމުގައި އޮތް ޓީމެވެ. ގްރޫޕު ސްޓޭޖު ނިންމާލީ ކޮޅަށް ލަނޑެއް ނުވަދެ، މޮޅުވުމުގެ 100 ޕަސަންޓް ރެކޯޑަކާއެކުއެވެ.

ގަދަ 16ގައި އޮސްޓްރިއާ އަތުން އިޓަލީއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. މުބާރާތުގައި ފުރަތަމަ ފަހަރަށް އިޓަލީ ކޮޅަށް ލަނޑެއް ވަދެފައިވަނީ ވެސް އެ މެޗުގައެވެ. އިތުރު ވަގުތަށް ދިޔަ އެ މެޗުން އިޓަލީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އިޓަލީއާ ދެކޮޅަށް ނުކުންނަ އިރު، ބެލްޖިއަމުން ކެޕްޓަން ހަޒާޑާއި ކެވިން ޑި ބްރޭނާ ފެންނާނެކަން އަދި ޔަގީންނެއް ނޫނެވެ. ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުގައި ހަޒާޑާއި ޑި ބްރޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ ދެ ކުޅުންތެރިން ވަނީ ސްކޭނުތަކެއް ހަދައިފައެވެ. ބެލްޖިއަމްގެ އެންމެ މުހިންމު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑި ބްރޭނާ އާއި ހަޒާޑަށް މެޗުގައި ބައިވެރި ނުވެވޭ ނަމަ، އެއީ ޓީމަށް ލިބޭނެ ބޮޑު މާޔޫސްކަމަކަށް ވާނެއެވެ.

މިރޭ ކުޅޭ ކުއާޓާގެ މެޗުން ބެލްޖިއަމް މޮޅުވެއްޖެ ނަމަ، ސެމީ ފައިނަލުގައި ނުކުންނަން ޖެހޭނީ ސްޕެއިންއާއި ސްވިޒަލެންޑް ބައްދަލުކުރާ ކުއާޓާގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިފަހަރުގެ ފައިނަލަކީ ބެލްޖިއަމާއި އިންގްލެންޑުގެ ކުރިމަތިލުމަކަށް ވެސް ވެދާނެއެވެ. ސުވާލަކީ ބެލްޖިއަމްގެ ޓީމުގައި ޗެމްޕިއަންކަން ހޯދުމުގެ ހިތްވަރު އެބަހުރި ހެއްޔެވެ؟ ބެލްޖިއަމްގެ ރަން ޖީލަށް ޓްރޮފީއެއް ހޯދިދާނެ ހެއްޔެވެ؟ ހަރުގަނޑުގެ ފަޅުކަން ފިލުވައިދެވިދާނެ ހެއްޔެވެ؟