އެވިޑް ސްކޫލު އޮފް އޭވިއޭޝަންގެ ޑީންގެ މަގާމަށް މުހައްމަދު ޝަރީފް އައްޔަނު ކުރައްވައިފި އެވެ.

ޝަރީފް އެ މަގާމަށް އައްޔަނު ކުރެއްވީ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޝަރީފަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދެވެ. މިރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ސީނިއާ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މުހައްމަދު ޝަރީފަކީ އޭވިއޭޝަން ދާއިރާއިން ގިނަ ތަޖުތިބާތަކެއް ލިބިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ކާޑެއްދޫ އެއާޕޯޓުގެ ޑިރެކްޓަރު ކަމާއި ވެލާ ރިސޯޓާއި ކޮންރެޑް މޯލްޑިވްސްގެ ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރު ކަމާާއި ގަލަޑޯނިއާ ޕްރައިވެޓް ލިމިޓެޑާއި ބަތޯލްޑް އެންޑް އެސޯސިއޭޓްގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ކަމާއި މޯލްޑިވްސް ޕޮލިސް ސާވިސްގައި ޗީފް ސްޓޭޝަން އިންސްޕެކްޓަރުކަންވެސް ކުރައްވާފައެވެ.

މީގެ އިތުރުން އޭނާ ވަނީ ބައެއް ސްކޫލްތަކުގައި ހެޑްމާސްޓަރުކަންވެސް ކުރައްވާފައެވެ.

ޝަރީފް ވަނީ، އޮސްޓްރޭލިއަން އިންސިޓިއުޓް އޮފް ބިޒްނަސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ.

އޭޝިއަން އިންސިޓިިއުޓް އޮފް ޓެކްނޮލޮޖީ އިން ސެޓްފިކެޓް އިން އެކުއެކަލްޗާ އެންޑް އެކުއާޓިކް ރިސޯސް މެނޭޖުމަންޓް ހާސިލް ކުރައްވާ ޓްރޯބް ޔުނިވާސިޓީން ޑިޕޮލޮމާ އިން ސެކަންޑަރީ އެޑިއުކޭޝަން ހާސިލް ކުރައްވައި ހަމަ އެ ޔުނިވާސިޓީން ހިއުމަން ރިސޯސް މެނޭޖުމަންޓުން ޑިގްރީ ހާސިލް ކުރައްވާފަ އެވެ.

އޭނާ ވަނީ ރީޖަނަލް އިންސިޓިއުޓް އޮފް އެޑިއުކޭޝަން، އިންޑިއާއިން ސެޓްފިކެޓް އިން ޓީޗިން އެޑިއުކޭޝަން އެންޑް ސްކޫލް މެނޭޖުމަންޓް (ވިސް ޑިސްޓިންޝަން) ވެސް ހާސިލް ކުރައްވާފައެވެ.