އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އޭނާ ހާޒިރު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމުގެ މަސައްކަތް ކުރާތީ ބިރުދައްކަން ކަމަށް މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ނިމާލް އޭސީސީއަށް މިއަދު ހާޒިރުކުރީ އޭނާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވިއިރު، ބ. އޭދަފުށީ އިންޖީނުގެއަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުވައްޒަފަކު ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.

އޭސީސީއަށް ހާޒިރުވުމަށް ފަހު ނިމާލް ޗެނެލް 13އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާ ފެނަކައިގައި މަސައްކަތް ކުރީ ކުންފުނީގެ ޕޮލިސީ ތަންދިން މިންވަރަކުން ކަމަށާއި ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ޔުޓިލިޓީގައިވެސް ފެނަކައިގައިވެސް މަސައްކަތް ކުރީ ކުންފުނީގެ ޕޮލިސީ ތަންދިން މިންވަރަކުން،" ނިމާލް ވިދާޅުވިއެވެ.

ނިމާލް އިތުރަށް ވިދާޅުވީ، މީގެ އަށެއްކަ އަހަރު ކުރީގެ ކަމެއް އަލުން ނަގައިގެން އެ ކަން އޭސީސީއިން ބަލަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރާތީ ބިރު ދެއްކުމަށް ކަމަށާއި ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ނުހުއްޓާނެ ކަމަށެވެ.