ދިވެހި ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޖާޒީގައި އިންޑިއާ ކުއްޖަކު ދުވި ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތް އޮޅޭނެހެން ދެކެވެމުންދާ ވާހަކައެއް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް، އަދި އޮލިމްޕިކްސް ކޮމެޓީގެ ނައިބު ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާ ތަކުން ބުނެފައި ވަނީ އިންޑިއާގައި އޮތް ސްޓޭޓް އެތުލެޓިކްސް މުބާރާތަކަށް ދިވެހި އެތިލީޓުންތަކެއް ގޮސް ދުވި ރިލޭއެއްގައި ރާއްޖޭގެ ޖާޒީގައި އިންޑިއާ ކުއްޖަކު ލައްވައި ދުއްވި ކަމަށެވެ. އެހެންނަމަވެސް އެކަން ހިނގައި ދިޔައީ އެ ބުނާ ބީދައިން ނޫން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ. ދުވި ކުއްޖާ ބޭނުން ކުރީ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގެ ރަސްމީ ޖާޒީ ނޫން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތުލީޓުން ތަމްރީނު ކުރަމުން އަންނައިރު، ރާއްޖޭގެ ކުދީންނަށް ހާއްސަ ތަޖުރިބާއެއްގެ ގޮތުން އިންޑިއާ ސްޓޭޓް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ދާން ތައްޔާރު ވީ އަތޮޅު ތެރެއިން ކުދީންނާ އެކުގައެވެ. ޓީމު އެކޮޅަށް ދާން ތައްޔާރު ވެ އެތުލީޓުން މާލެވެސް އައި ފަހުން، ފުރަން އޮތް ދުވަހު އެއް ކުއްޖަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ، ޓީމު ހަމަކޮށް ދަތުރު ނުކުރެވޭ ގޮތަށް ދިމާވިއެވެ. އެހިސާބުން އެސޯސިއޭޝަނުން ވިސްނީ ކުޅުންތެރިންގެ ޕްރެކްޓިސް ރަންއެއް ގޮތަށް އެކޮޅަށް ގޮސް ދުވެލުމަށެވެ. އަދި ދިޔައީ ދުވެވޭނެ ގޮތަށް ހަމަޖައްސާފައި ކަމަށާއި، އެކޮޅަށް ގޮސް ދުވެލީ ހަމައެކަނި ޕްރެކްޓިސް ރަންއެއްގެ ގޮތުގައި ޓައިމިން ބަލައިލުމަށް ކަމަށްވެސް އެސޯސިއޭޝަނުން ބުނެއެވެ.
އާންމުކޮށްގެން ދައުރުކުރަމުންދާ ފޮޓޯއަކީ އެސޯސިއޭޝަނުން އެ ކުދިންގެ ޓައިމިން ބަލައިލުމަށް މުބަރާތުގެ ބޭރުން ރިލޭ ދުވުމެއް ޖަހައިލުމުގެ ބޭނުމުގައި އިންޑިއާ ދުވުންތެރިޔަކު ބޭނުން ކޮށްގެން ދުވި ދުވުމެއްގެ ފޮޓޯ ކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި އެ ކުއްޖާ ބޭނުންކުރީވެސް ރާއްޖޭގެ ތަމްރީނު ކިޓެއް ކަމަށް ތޮލާލް ވިދާޅުވިއެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ އަތޮޅު ތެރެއިން މާލެ އައިސް، އިންޑިއާއަށް ދުވަން ދާން ދިޔަ ކުދީން މާޔޫސް ކޮށްލައި އަނބުރާ ރަށަށް ފޮނުވާލުމަކީ އިންސާފަކަށް ނުވާނެތީ ކަމަށްވެސް ތޮލާލް ފާހަގަކުރެއްވިއެވެ. އެހެން އެކަން ކުރި ނަމަ އެއީ އެތުލީޓުން ޑީމޯޓިވޭޓް ވެގެންދާނެ ކަމެއް ކަމަށްވެސް ތޮލާލް ފާހަގަކުރެއްވިއެވެ.
"ނޭޝަނަލް ޓީމުގެ ޖާޒީ ލައިގެން އިންޑިއާ ކުއްޖަކު މުބާރާތަކު ނުދުވޭ. އެއީ ފުރަތަމަ ފާހަގަކޮށްލަން ޖެހޭ އެއްޗަކީ. އެކުއްޖާ ލައިގެން ހުރީ ގައުމީ ޖާޒީއެއްވެސް ނޫން. އެއީ ޕްރެކްޓިސްގައި ބޭނުން ކުރާ ކިޓެއް. ރާއްޖޭގެ ރިލޭ ޓީމު ފުރަން އުޅެނިކޮށް އެއް ކުއްޖަކު ޕޮޒިޓިވްވެގެން ޓީމު ހަމަކޮށް ނުދެވުނު. އެހިސާބުން ބެލީ ރަށުން ފެށިގެން މާލެއަށް އައި ކުދިންނަށް ކޮންމެވެސް ވަރެއްގެ ފުރުސަތެއް ހޯދައިދޭން އެކޮޅަށް ފޮނުވަން. އެއީ ޕްރެކްޓިސް ރަންއެއްގެ ގޮތުގައި ދުވެލަން. ފުރުސަތު ގެއްލުމުން، އެއްވެސް ވަރަކަށް ނުދުވެ އަންނަން ޖެހުން ވާނީ ވަރަށް ބޮޑު މާޔޫސް ކަމަކަށްވާތީ އެކޮޅުން ހަމަޖައްސައިގެން އިންޑިއާ އެތުލީޓަކާއެކު ކުދިންގެ ޓައިމިން ޗެކު ކޮށްލީ. ދުވެލުމުގެ ފުރުސަތު ހޯދައިދޭން ބައިވެރިވީ އަތޮޅު ތެރެއިން އެތުލީޓުންނާއެކު. އެއީ އައްޑޫ ދެކުދިންނާ ދެން ދުވީ ކުޅުދުއްފުށީ ކުއްޖެއް. އެ ކުދިން މާލެ އައިސް، އިންޑިއާއަށް ގޮސް، ޑީމޯޓިވޭޓް ވުމަށްވުރެ ރަނގަޅު ގޮތެއް ހޯދަން، އެހިސާބަށް ގޮސްފައި ދުވެލަން ވެގެން ދުވެލީ. ގައުމު މުބާރާތެއްގައި ތަމްސީލު ކުރި ދުވުމެއްގެ ގޮތުގައެއް ނޫން،" އިންޑިއާ ޖާޒީގައި ދިވެހި ކުއްޖަކު ދުވި ކަމަށް ބުނާ ބުނުމާއި ގުޅިގެން ތޮލާލް "ވަން"އަށް ވިދާޅުވިއެވެ.
ދިވެހި ގައުމީ ޖާޒީގައި އިންޑިއާ އެތުލީޓަކު ދުވި ކަމަށް ބުނެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާއިރު، އެކަން ހިނގައި ދިޔަ ގޮތް ސާފު ކުރުމަށް ގިނަ ބަޔަކު ވަނީ ބޭނުން ވެފައެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އެކަން ސާފު ކޮށްދީފައެވެ.