ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވެކްސިން ފުރިހަމަކޮށްގެން ތިބޭ މީހުނަށް ދަތުރު ކުރުމުގައި ހުރަސްތަކެއް ނުހުންނާނެ ކަމަށާއި ރާއްޖޭގައި ވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ދަތިތަކެއް ހުރެގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ މި އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހު ވިދާޅުވެފަ އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީނަކާ ނުލައި ރަށް ރަށަށް ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެން ނަމަވެސް އިއްޔެ އިއުލާނު ކުރި ލުއިތަކުގައި ވަނީ ކޮވިޑް ޖެހި ރަނގަޅު ވުމަށްފަހު ދެމަސް ހަމަ ނުވާ ނަމަ އެއްވެސް ހުރަހަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ. ވެކްސިން ޖެހި މީހުންނަށް ގޮތެއް ނެތެވެ. އެއާ އެކު ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކޮށްގެން ދަތުރު ކުރުމަށް ފޫގަޅައިގެން ތިބި އެތަކެއް ރައްޔިތުންނެއް ވަނީ އެ މީހުންގެ އިހްސާސްތައް ބަންޑުން ކޮށްލައިފަ އެވެ.
"މާސްކް އަޅައިގެން، އަތް ސެނިޓައިޒް ކޮށްގެން، ކިއުއަށް އަރައި ވެކްސިން ދެ ޑޯޒް ހަމަކުރީމަ، މި ލައްވާލީ އެތައް މިތަނުން ވައިރަސް ޖެހިފައި އިން ލިސްޓުގައި ތިބި މީހުންނަށް ވުރެ ފަހަތުގައި! ސަހަރޯ!،" ވެކްސިން ފުރިހަމަ ކޮށްގެން ހުރި ޒުވާނަކު ބުންޏެވެ.
ކޮވިޑް ޖެހިދާނެތީ ވަރަށް ރައްކާތެރިވެގެން އުޅުނު ކަމަށާއި ވެކްސިން ގެނެސް ވެކްސިން ޖަހަން ގޮވާލުމުން އަވަހަށް ގޮސް ދިގު ކިއުތަކުގައި ޖެހި އެތައް ވަގުތެއް ހޭދަކޮށް ވެކްސިން ފުރިހަމަ ކުރި ކަމަށް ސޯޝަލް މީޑިއާގައި މީހަކު ވަނީ ލިޔެފަ އެވެ. ދެ ޑޯޒަށް ފަހު ލުއި ލިބޭނެ ކަމުގެ އިންތިޒާރުގައި ތިއްބައި ކޮވިޑް ޖެހުނު މީހުނަށް ލުއި ދިނުމަށް ނިންމުމުން އޭނާގެ ކުށަކީ ކޮވިޑް ނުޖެހުން ތޯ އެހި އެވެ.
އޭގެ ފަހުން ތިން މަސް ވެގެން ދިޔައިރު ވެސް ވެކްސިން ފުރިހަމަ ކުރި މީހުނަށް ލުއި ނުދީ ކޮވިޑަށް ޕޮޒިޓިވް ވެ ބަލިން ރަނގަޅުވި މީހުނަށް ލުއި ދިނުމުން ޝަކުވާތައް މި ވަނީ އިތުރުވެފަ އެވެ.
"މިކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން މި ގެންދަނީ،" މިނިސްޓަރު ނަސީމް ރޭ ވިދާޅުވި އެވެ.
ކޮވިޑުން ލުއިތަކެއް ހޯދުމަށް ވެކްސިން ފުރިހަމަ ކުރި މީހުނަށް އެއްވެސް ކަހަލަ ލުއެއް ނުލިބުމުން އެ މީހުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނައިރު އެކަމަށް ގޮތެއް ނު ނިންމުނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގައި ހިޔާލުތަފާތުވުންތަކެއް ހުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވީ، އާބާދީގެ ބޮޑު ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައި ނުވާތީ ލުއި ދެވެން ނެތީ ކަމަށެވެ.
ނަސީމްގެ އެ ވާހަކަތަކާ އެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހުމަށްފަހު ރާއްޖެ އިން ވެކްސިން ލިބެން ނެތުމުން ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވި ތިބި ރައްޔިތުންގެ ރުޅިގަނޑުވެސް ފަޅައިގެން ދިޔަ އެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ނުޖެހި އެތައް ބަޔަކު ތިބިއިރު އެއީ އެ މީހުންގެ އިހުމާލުން ވެފައިވާ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ. އެހެން ކަމުން ވެކްސިންގެ ދެ ޑޯޒް ޖެހުމުން ވެސް ކަރަންޓީނަކާ ނުލައި ދަތުރު ކުރެވޭނެ ގޮތް ނުވި ނަމަވެސް އެންމެ ކުޑަމިނުން ކަރަންޓީނުގެ މުއްދަތު ކުރުކޮށް ދިނުމަށް ވެސް ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ.
ސޯޝިއަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ ކޮވިޑު ނުޖެހުމަށްވުރެ ޖެހުން ވެސް މިހާރު ރަނގަޅު ކަމަށެވެ. އެކަމަކު މިހެން ބުނާ މީހުންގެ އެ ބުނުމަކީ އެންމެ ރަނގަޅު ބުނުމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ބަލި ޖެހިއްޖެ ނަމަ ސިއްހަތު ސަލާމަތުން އެނބުރި އާދެވުމުގެ ފުރުސަތު މި ބަލީގައި އެކަކަށް ވެސް ނެތީމަ އެވެ.
ބައެއް މީހުން ތިބީ މި ނިންމުމާ އެކު ބޮޑުތަނުން މާޔޫސްވެފަ އެވެ. ވެކްސިން ޖެހުމުން ލުއި ލިބޭނެ ކަމަށް ބުނެ މީގެ ކުރިން ސަރުކާރުގެ އިސް ފަރާތްތައް ވަނީ ރައްޔިތުން 'ގުނބޯ' ހައްދާފައި ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
ރާއްޖެ ނޫނީ ވެކްސިން ފުރިހަމަ ކުރުމުން ލުއި ނުލިބޭ ގައުމެއް ނެތް ކަމަށް ބުނެ ރާއްޖެ އިން ވެކްސިން ޖެހުމުގައި އާ ރެކޯޑެއް ގާއިމު ކޮށްފައިވާ ކަމަށް ވެސް މީހަކު ވަނީ ބުނެފަ އެވެ.
ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި މައުލޫމާތަށް ބަލާއިރު، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ، 189،529 މީހުނެވެ. އަދި ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ 316،704 މީހަކު އެބަތިއްބެވެ.
އެހެން ކަމުން ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 38 އިންސައްތަ މީހުން މި ވަނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ.
ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ އާބާދީގެ 75 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖެހިފައިވާ ނަމަ ލުއިދެވުނީސް ކަމަށެވެ.
"ރައްޔިތުންނަށް ކޮވިޑް ވެކްސިން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޮވިޑް ވެކްސިން ލިބޭނެ. އަޅުގަނޑަށް ކަނޑައެޅިގެން މިވެނި ދުވަހެއްގައޭ އަންނާނީ ނުބުނެވުނަސް އަޅުގަނޑަށް ލިބިފައިވާ ހުރިހާ މައުލޫމާތުތަކުން ދައްކަނީ ޖުލައި މަހުގެ 12 ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދު އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށް ވެކްސިން ލިބޭނެ ކަމަށް. ލިބޭނީ އެސްޓްރާޒެނެކާ ވެކްސިން" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ނުޖެހި ގިނަ އަދަދެއްގެ ބަޔަކު ތިބިއިރު، ޑަބްލިޔުއެޗްއޯއިން ވަނީ ކޮވިޝީލްޑްގެ ބަދަލުގައި އެސްޓްރާޒެނެކާ ޖެހޭނެ ކަމަށް ބުނެފައެވެ.
ގަދަ އަވީގައި ދިގު ކިޔުތަކުގައި ތިބެގެން ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޝަކުވާއަކީ ދަތުރު ކުރުމުގައި ކޮވިޑު ޖެހި ރަނގަޅުވީ މީހުންނަށް ލުއި ދިން އިރު ވެކްސިން ފުރިހަމަ ކުރި މީހުންނަށް ނުދިނުމެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ބަލި ޖެހި ރަނގަޅުވާ މީހުން "އިމިއުން" ވާ މިންވަރު ވެކްސިން ފުރިހަމަ ކުރާ މީހުންނަށްވުރެ ކުޑަކުޑަ ތަންކޮޅެއް އިތުރެވެ. ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި އެއީ އެކަމަކު ގާތްގަނޑަކަށް 5 ނުވަތަ 7 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. އެހެން ކަމުން އެއީ ވެކްސިން ޖެހި މީހުންނަށް ލުއި ނުދޭން ޖެހޭ ސަބަބެއް ކަމަށް ގަބޫލު ކުރަން އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ.
މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ ހަގީގަތަކީ މީގެ ކުރީން ލުއިތައް ދިން އިރު ވެކްސިން ފުރިހަމަ ކުރި މީހުންނަށް ވެސް ވަކި އުސޫލުތަކެއްގެ ތެރެއިން ކަރަންޓީނަކާ ނުލައި ދަތުރު ކުރާން ލުއި ދިން ކަމެވެ. އެއީ ދެ މަހެއްހައި ކުރި އެވެ. ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންގެ އަދަދު މިހާރު އެއިރަށްވުރެ ވެސް ގިނަ ވާނެ އެވެ. ސްކޫލު ޗުއްޓީއާއި ދިމާކޮށް މި ފަދަ ލުއިތަކެއް ލިބުމުގެ ބޮޑު އުއްމީދެއްގައި ދެ އަހަރު ދުވަހުގެ ރަށު ބަންދެއްގައި ތިބި މީހުންނަށް މިއީ ހައްގު މިންވަރު ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް