ގާނޫނުލްއުގޫބާތުގައި އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުތަރު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ހުށަހެޅުން އުނިކޮށްފި އެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅި ބިލްގައި ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް ގެނައުމަށް އޮތީ ހުށަހަޅާފަ އެވެ. އެގޮތުން އާންމުތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއް ކަމަށް ތުހުމަތުކުރުމާއި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމުގެ އިތުރުން އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ. އެ ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ.
އެ ބިލް އިތުރަށް ދިރާސާކުރުމަށް މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ 31 ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވީ، ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާކަން އެނގެން އޮއްވާ އޭގެތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހެއްގެ އިސްލާމީ އަގީދާ އަށް ގެއްލުން ލިބިދާނެ ގޮތަށް އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހެދުމަށެވެ.
އިމްތިޔާޒްގެ އެ ހުށަހެޅުއްވުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ. އަލީ ހުސައިން ވިދާޅުވީ، އިސްލާމީ ޝަހުސިއްޔަތަށް ގެއްލުން ލިބޭގޮތަށް އޮތުމުން އިތުރު ބައިވަރު މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ބުރޫ އަރާ ކަމަށް ވިދާޅުވި އެވެ.
"ލޮއީފް ހަދީޘެއް އޮއްވާ އެ ރައުޔުގައި ހިފައިގެން އުޅޭ މީހާ އެއްކަމެއްގައެއް ނޫން ބައިވަރު ކަމެއް އޭގައި ހިނގާ. އޭނާގެ އިސްލާމީ ޝަހުސިއްޔަތާއި ގުޅޭ ގޮތުން ވާހަކަ ދެއްކުން ނޫނީ އެ ކްރިމިނަލައިޒްް ކުރުން އަޅުގަނޑަށް ގޯސްވަނީ. އޭގެ ބަދަލުގައި ހަމައެކަނި އިސްލާމީ ޝަހުސިއްޔަތެއް ނޫން އަންނަންވާނީ. އޭގެ ބަދަލުގައި އެމީހެއްގެ ނަފްސައް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުން ދިނުން އަންނަންވާނީ." އަލީ ހުސައިން ވިދާޅުވިއެވެ.
މެންބަރު އަލީ ހުސައިންގެ ވާހަކަތަކާއި ގުޅިގެން އިމްތިޔާޒުގެ ހުށަހެޅުމުގައި އޮތް އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުތަރު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ހުށަހެޅުން އުނިކުރަން މެންބަރުން ތާއިދު ކުރެއްވި އެވެ.
އެގޮތުން ކޮމިޓީން ފާސްކުރީ ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހެދުމަށެވެ. އަދި މުސްލިމަކު ކަނޑައެޅިގެން ކުފުުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި މުރުތައްދު ނުވާހާ ހިނދަކު އާންމު ތަނެއްގައި އެމީހަކީ ކާފަރެއް ނުވަތަ މުރުތައްދުވެފައިވާ މީހެއް ކަމަށް ސިފަކުރުން ނުވަތަ ތުހުމަތުކުރުން ނުވަތަ ސިފަކުރުމުގައި ނުވަތަ ތުހުމަތުކުރުމުގައި ބައިވެރިވުންވެސް ކުށަކަށް ހަދަންވެސް ފާސްކުރިއެވެ.
މީގެ އިތުރުން މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ނުވަތަ ސިޔާސީ ވިސްނުމަށް ބަލައި މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން، އަދި އެފަދަ ކަމެއް ރޭވުމަށް ގޮވާލުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ނުވަތަ އެމީހަކަށް ތަފާތުުކުރުމަށް ގޮވާލައި ނުވަތަ އެ އަމަލަށް ހިތްވަރު ދިނުން ކުށަކަށް ހަދަންވެސް ފާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު