ޅ. ނައިފަރު މީހަކަށް ފުލުހުން އަނިޔާކުރި މައްސަލައިގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ނައިފަރުގައި ޒުވާނަކަށް ފުލުހުން އަނިޔާކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އޭނާއަށް އަނިޔާކޮށްފައި ވަނީ ފުލުސް މީހެއްގެ އަންހެނުންނާ "ފޮށުނު" ކަމުގެ ތުހުމަތުގައެވެ. އެމީހާއަށް އަނިޔާ ކޮށްފައި ވަނީ އެރަށުގެ ގޮނޑުދޮށަށް ގެންގޮސްފައެވެ. އެކަމާ ގުޅިގެން އެރަށުގެ ޒުވާނުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.

ފުލުހުން މިއަދު ބުނީ ނައިފަރުގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ މުއައްސަސާގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލާފައިވާ ކަމަށާއި އަދި އެ މައްސަލަ ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި ކަމަށެވެ.

އެގޮތުން ޑިސިޕްލިނަރީ ބޯޑުން ނިންމީ އެ މައްސަލައިގައި ތިން ފުލުހަކު ވަޒީފާއިން ވަކި ކުރުމަށާއި އަދި ދެ ފުލުހެއްގެ މިހާރު ހުރި ރޭންކުން އެއް ރޭންކް ދަށްކުރުމަށް ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެގޮތަށް ނިންމާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ ސަރުކާރު ބަންދު ދުވަސްތައް ނުލައި، ހަތް ދުވަހުގެ ތެރޭގައި މި މައްސަލައިގައި ފިޔަވަޅު އެޅި ފުލުހުނަށް މައްސަލަ އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އެ ހަތް ދުވަސް މާދަމާއަށް ހަމަވާއިރު، އެ ފަރާތްތަކުން އިސްތިއުނާފު ކުރި ކަމެއް ސާފެއް ނުވެއެވެ.