ޖުލައި 20ގެ ކުރިން އެސްޓްރާޒެނެކާގެ އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ރަނގަޅު އަދަދަކަށް އެސްޓްރާޒެނެކާ ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށެވެ.

ރާއްޖެއިން ވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއާއެކު 700،000 ޑޯޒް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

"ރައްޔިތުންނަށް ކޮވިޑް ވެކްސިން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޮވިޑް ވެކްސިން ލިބޭނެ. އަޅުގަނޑަށް ކަނޑައެޅިގެން މިވެނި ދުވަހެއްގައޭ އަންނަނީ ނުބުނެވުނަސް އަޅުގަނޑަށް ލިބިފައިވާ ހުރިހާ މައުލޫމާތުތަކުން ދައްކަނީ ޖުލައި މަހުގެ 12 ވަނަ ދުވަހާއި 20 ވަނަ ދުވަހާއި ދެމެދު އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށް ވެކްސިން ލިބޭނެ ކަމަށް. ލިބޭނީ އެސްޓްރާޒެނެކާ ވެކްސިން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، ރަޝިޔާގެ ސުޕްޓްނިކް ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ އެގްރީމަންޓްގައި ހުރި ކުދިކުދި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޕާޗޭސް އެގްރީމަންޓްގައިވެސް ސޮއިކުރެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ނުޖެހި ގިނަ އަދަދެއްގެ ބަޔަކު ތިބިއިރު، ޑަބްލިޔުއެޗްއޯއިން ވަނީ ކޮވިޝީލްޑްގެ ބަދަލުގައި އެސްޓްރާޒެނެކާ ޖެހޭނެ ކަމަށް ބުނެފައެވެ.