ކުޅިވަރު

އާޖެންޓީނާގެ މުހިންމު ރެކޯޑެއް މުގުރާލައި މެސީ ވިދާލައިފި

ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި ރޭ އާޖެންޓީނާ އިން ފަސޭހަ ކަމާއެކު ބޮލީވިއާ ބަލިކޮށްފައިވާ އިރު، ލިއޮނަލް މެސީ ގައުމީ ޖާޒީގައި މުހިންމު ރެކޯޑެއް މުގުރާލައިފިއެވެ.

ރޭގެ މެޗު އާޖެންޓީނާ އިން 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗާއެކު މެސީ ވެފައި ވަނީ ގައުމީ ޖާޒީގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާއަށެވެ. ޖުމުލަ 148 މެޗު މެސީ ގައުމީ ޖާޒީގައި ކުޅެފައިވާ އިރު، ކުރިން އެ ރެކޯޑު އޮތީ ހާވިއާ މެޝަރާނޯ އަތުގައެވެ. ރޭގެ މެޗުގައި މެސީ ދެ ގޯލުވެސް ޖަހާފައިވާ އިރު، އޭނާ ވަނީ ގައުމީ ޓީމަށް 75 ގޯލުވެސް ހަމަކޮށްފައެވެ.

މެޗަށް ނުކުތްއިރުވެސް އާޖެންޓީނާއަށް އޮތީ ކުއާޓާ ފައިނަލް ޔަގީންވެފައެވެ. ރޭގެ މޮޅާއެކު އާޖެންޓީނާ ކުއާޓާއަށް ގޮސްފައި ވަނީ މެޗަކުން ބަލިނުވެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިހާތަނަށް މެސީ ވަނީ ގުރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ރޭގެ މެޗުގައި މެސީ ޖެހި ދެ ގޯލުގެ އިތުރުން ދެން ފެނިގެން ދިޔައީ އެލެހާންޑްރޯ ގޮމޭޒް އާއި ލައުޓާރޯ މާޓިނޭޒްގެ ގޯލެކެވެ. މެސީގެ ދެ ގޯލުގެ އިތުރުން އޭނާ ވަނީ ގޮމޭޒްގެ ގޯލަށް އެސިސްޓްވެސް ކޮށްދީފައެވެ. އާޖެންޓީނާ އިން ކުއާޓާގައި ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ.