ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތް މުއްދަތު އިތުރު ހަތަރު ދުވަހަށް ދައްމާލައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް އިތުރުވުމާ ގުޅިގެން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދު ކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ މާލެ ސަރަހައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރުކުރައްވާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ވަނީ، އަލަށް އިތުރު ކުރެވުނު މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ރައީސް ދަންނަވާފައިވާ ކަމަށެވެ.
އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކުން ދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެ ނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައިވެސް ބުނެފައެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަން ގަތުމަށާއި އެ އެޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އަންގަވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ އޮފީސްތައްވެސް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު