ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޑރ. ހުސެއިނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަަދާ ކުރާ މިންވަރު ބަލައި ކޮމިޓީން ދިރާސާ ކުރަމުން ދިޔަ އިރު އޭނާގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި ހިއްސާ އޮތް ކަމަށް ފާހަގަކުރެވިގެން، ރުހުން ދިނުން މަޑުޖައްސާލައި ރައީސް އޮފީހުގެ ލަފައެއް ހޯދިއެވެ.

އެގޮތުން ޑރ. ހުސެއިނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައި، ރުހުން އޮތް ކަމަށް މިއަދު ފާސްކުރީ، އޭނާއަށް މަޖިލީހުން ރުހުންދިނުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދިނުމުންނެވެ.

ޑރ. ހުސެއިނަށް ރުހުން އޮތްތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި، އޭނާއަށް ރުހުން ދޭން ފާސްކުރީ، މަޖިލީހުގެ އޮންލައިން ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 55 މެންބަރު ވޯޓު ދެއްވައިގެންނެވެ.

ހުސްވި މެއި މަހުގެ ފަސް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން އައްޔަން ކުރެއްވި އިރު، އޭގެ ކުރިން އޭނާ ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.

ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސައިން އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ޒަހާ ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.