Close
ޚަބަރު

ރިސޯޓު މުވައްޒަފުންނަށް ޗުއްޓީ ނުލިބި އަނބިދަރިން ގާތަށް ނުދެވޭތީ ރައީސަށް ޕެޓިޝަނެއް ހުށަހަޅަނީ

ރިފާ ހަލީލު

2

ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަނބިދަރިންނާ ބައްދަލުނުވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ރިސޯޓު މުވައްޒަފުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށަ ޕެޓިޝަނެއް ހުށަހެޅުމަށަ ތައްޔާރުވެއްޖެ އެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް އިން އިސްނަގައިގެން ހުށަހަޅަން ތައްޔާރުވާ މި ޕެޓިޝަނުގައި މިހާރުވެސް 600 އެއްހާ މުވައްޒަފުން ވަނީ ސޮއި ކޮށްފަ އެވެ.

ރިސޯޓު ވޯކާސްގެ ފަރާތުން އެކަމުގައި އިސްކޮށް އުޅޭ މީހަކު "ވަން" އަށް މިއަދު ބުނީ މި ޕެޓިޝަނަކީ ވަރަށް ގިނަ ރިސޯޓު މުވައްޒަފުންގެ ހައްގުތަކާ ގުޅިގެން ހުށަހަޅަން ނިންމި ޕެޓިޝަނެއް ކަމަށެވެ.

އޭނާ ބުނީ ކޮވިޑާއި ގުޅިގެން އުފެއްދި ސަންސެޓް ގާނޫނަށްވެސް އަމަލު ކުރަމުންދަނީ މަދު ރިސޯޓަކުން ކަމަށާއި ޗުއްޓީ އެއް ނުދީ މުވައްޒަފުން ލައްވާ ދުވާލަކު 14 ގަޑި އިރުވަންދެން މަސައްކަތް ކުރުވާ ކަމަށެވެ.

"ޕެންޑެމިކް އާ ގުޅިގެން ވަޒީފާ އިން ކަނޑާލި އެތައް މުވައްޒަފުންނެއް އެބަތިބި. އެކަމަކު އަލުން ރިސޯޓުތައް ހުޅުވީމަވެސް އެ ކުދިންނަކަށް ވަޒީފާ ނުދޭ. ބައެއް ކުދިން މި ނެރެނީ. ނެރެފަވެސް އެކުދިން ލައްވާ ޑަބަލް ވޯކް ކުރުވަނީ. އަނބިދަރިންނާއި ދުރުގަ. ޗުއްޓީ އެއް ނުދޭ. އަނބިމީހާ ވިހަންވެސް ނުފޮނުވަ އެބަތިބި. ދާން މިޖެހެނީ ވަޒީފާއިން ކެނޑިގެން ނޫނީ ނޯ ޕޭ ގަ. މީ އެއް ނޫން ދޯ އިންސާފަކީ. އަޅުގަނޑުމެންވެސް މއީ އިންސާނުން. މެންޓަލީވެސް ވަރުބަލި ވާނެ،" އޭނާ ބުންޏެވެ.

ރިސޯޓު މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށް ބުނެ ސަންސެޓް ގަނޫނެއް ހެދި ނަމަވެސް އެއަށް އަމަލު ކުރާތަނެއް ނުފެންނަ ކަމަށާއި ހަމަ އެކަނި ގަނޑެއްގައި މިއީ ގާނޫނެކޭ ބުނެ ހާމަކުރުމަކުން އެއީ ގާނުނަކަށް ނުފެތޭނެ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިންވެސް ރިސޯޓު މުވައްޒަފުން ވަނީ ރައީސަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. އެގޮތުން 1600 އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު ހުށަހެޅި މި ޕެޓިޝަނަކީ ރިސޯޓު މުވައްޒަފުން ތުނބުޅި ބެހެއްޓޭނެ ގޮތް ހަދައި ދިނުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟