މެންދުރު ކައިގެން ވީ އެންމެ ނަލައެއް ވެލައިގެން އިނީ ފިރިމީހާ ބަލައި އަންނަންދެން އިންތިޒާރުގަ އެވެ. ބަނޑަށް ހަ މަސް ފުރިފައި އިން އާމިނަތު ޝެނީފާ ޑޮކްޓަރަށް ދައްކަން މާލެ ގެނައުމަށް ފިރިމީހާ އެ ރަށަށް ދާން ބުނި ގަޑިއަށް ޝެނިފާ އިނީ ތައްޔާރަށެވެ. ފިރިމީހާގެ ފޯނު ކޯލާއެކު މި ނިކުންނަނީ ކަމަށް ބުނި ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި ކުއްލިއަކަށް ނޭވާލާން އުނދަނގޫ ވެ ހަބަރު ހުސްވެގެން ވެއްޓުނީ އެވެ.
އދ. އޮމަދޫ ކައިރީ ރިސޯޓެއްގެ ލޯންޗު ކެޕްޓަނެއްގެ ވަޒީފާ އަދާ ކުރާ ޝެނީފާގެ ފިރިމީހާ، އަހުމަދު ސާމިލް ހުރީ އޮމަދޫ ފަޅުތެރޭގަ އެވެ. ކޮވިޑުގެ ހާލަތު ކަމުން ރަށަށް އެރޭކަށް ނެތެވެ. ކުއްލިއަކަށް ޝެނީފާގެ ހަބަރު ހުސްވި ވާހަކަ އަޑު އިވުމުން ހިތްފަޅައިގެން ގޮސް ގޮތް ހުސްވި އެވެ. ނަމަވެސް ހިތްވަރު އެލުވައިނުލައި ލޯބިވާ އަނބިމީހާއަށް ވީ ގޮތް ބެލުމަށް ރަށަށް އެރުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ރަށަށް އަރަން ހުއްދަ ނުލިބުމުން ކެތްތެރިކަމާއެކު ލޯބިވާ އަނބިމީހާ އާއި އަލަތު ދަރިފުޅު ހެޔޮ ހާލުގައި ލެއްވުމަށް ދުއާކުރި އެވެ.
އޮމަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ޝެނީފާ އަށް ދެފަހަރަކަށް ފިޓު ޖެހި ހާލު ދެރަ ވެ ނޭވާ އަށް އުދަނގޫ ވެ ބްލަޑް ޕްރޭޝަރުވެސް ހުރީ މަތިވެފަ އެވެ. އެތަނުން ދެވޭނެ ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރު އެންގި އެވެ. އަދި ވަގުތުން އެ އަތޮޅު މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލު ކުރުމަށް އެންގި އެވެ. ނަމަވެސް ސީ އެމްބިއުލާންސް ދިއުމަށް ވަގުތު ނަގާނެތީ ސާމިލް ދިޔަ ލޯންޗުގައި ޝެނީފާ މަހިބަދޫ އަށް ގެންދެވުނީ ހަވީރު 3:30 ކަންހާއިރު އެވެ.
މަހިބަދޫ އަށް ދިޔުމަށްފަހު އިތުރަށް ހާލު ސީރިއަސްވެ އެރަށުން ދެވޭނެ ފަރުވާއެއް ނެތި މާލެ ފޮނުވާލި އެވެ. މާލެއަށް އާދެވުނީ ރޭ 7:00ގަ އެވެ. ނަމަވެސް ހާލު އިތުރަށް ސީރިއަސް ވެ އޭނާ މަރުވީ ފަރުވާދެމުން ދިޔަތާ ދެތިން ގަޑި އިރު ފަހުންނެވެ.
އަނބިމީހާގެ ކުއްލި ވަކިވުމާއެކު ސާމިލްގެ ހިތް ވަނީ ކުދިކުދި ވެފައެވެ. އަލަތު ދަރިފުޅުގެ އިންތިޒާރުގައި ކެތްމަދުވެފައިވާ ސާމިލް އަށް ކަފުން ކުރަން ޖެހުނީ ހަމަ އެކަނި ދަރިފުޅެއް ނޫނެވެ. ތިން އަހަރު ވަންދެން އިނދެގެން އުޅުނު ލޯބިވާ އަނބިމީހާވެސް ދަރިފުޅާއެކު ކަފުން ކޮށް ވަޅުލަން ޖެހުނީ އެވެ.
ސާމިލްގެ ބޭބެ މުހައްމަދު ރިޒާ "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ ޝެނީފާ އަކީ އަހުލާގު ރަނގަޅު ކިޔަމަންތެރި ކުއްޖެއް ކަމަށެވެ. މަޑުމައިތިރި މިޒާޖެއްގެ ޝެނީފާ އަކީ މީހުންނާ ގުޅޭ ކުއްޖެއް ކަމަށާއި އޭނާގެ ވަކިވުން އަދިވެސް ގަބޫލު ކުރަން ދަތި ކަމަށެވެ.
ރިޒާ ބުނީ ޝެނީފާ އަކީ މީގެ ކުރިންވެސް ކުޑަކޮށް ބަލިކޮށް އުޅުނު ކުއްޖެއް ކަމަށާއި ނަމަވެސް އެއީ ކޮން ކަހަލަ ބައްޔެއްކަން ނޭނގޭ ކަމަށެވެ. އެކަމަކު ފުރާނައަށް ނުރައްކާ ވާ ފަދަ ބައްޔެއް ހުންނަ ކަން އެނގިފައި ނުވާ ކަމަށް ބުންޏެވެ. ބަލިވެ އިނުމަށްފަހުވެސް އިތުރު ބައްޔެއް ނުފެންނަ ކަމަށާއި ބަރާބަރަށް ޑޮކްޓަރަށް ވެސް ދައްކަމުންދިޔަ ކުއްޖެއް ކަމަށް ބުންޏެވެ.
އުމުރުން 22 އަހަރުގެ ޝެނީފާގެ ވަކިވުން މުޅި އޮމަދޫ ރައްޔިތުން ރޮއްވާލާފައިވާއިރު އާއިލާ އަދިވެސް ތިބީ ޝޮކެއްގަ އެވެ. ޝެނީފާގެ ކަށުނަމާދު ރޭ ފަތިސް ނަމާދަށްފަހު ކޮށްފައިވާއިރު އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
ފީޗާރޑް
ފީޗާރޑް
ފީޗާރޑް
ފީޗާރޑް