ހަޔާތްޕުޅުގެ ބާކީ އޮތްތަނުގައި އުޅެން ޖެހެނީ ބަޅު މެދު އިނގިއްޔަކާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި ހުޅުވި އެމްޑީޕީގެ ހަރުގޭގައި އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހާލުކޮޅު ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށެވެ. އެގޮތުން އެތެރެ ހަށީގެ ހުރިހާ ގުނަވަނެއް ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކަނާތުގެ ތިން އިނގިއްޔާއި ވާތު ކަންފަތާއި ފައިގައި ކުޑަ މައްސަލައެއް އެބަ އުޅޭ ކަމަށާއި އެގޮތުން ކަނާތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި އަދި މެދު އިނގިލި އައްސިވެފައި ހުރި އިރު، ޝަހާދަތް އިނގިލި ހުންނަނީ ކުޑަކޮށް ބަޅުވެފައި ކަމަށް ވިދާޅުވިއެވެ.

"ޑޮކްޓަރު ބުނީ މެދު އިނގިލި ބަޅުވެފައޭ ހުންނާނީ. އަޅުގަނޑު ދެންނެވިން ޑޮކްޓަރު އަރިހުގައި އޭނާ ބުނަނީ އެހެން އޮޕަރޭޝަނެއް ކޮށްގެން ބެލިދާނޭ. އަޅުގަނޑު ދަންނަވައިފިން މިހާރު 54 އަހަރޭ. ދެން ބަޅު މެދު އިނގިއްޔަކާ އެކީގައި ބާކީ އޮތްބައި އުޅެން ނިންމާނީއޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވާތު ކަންފަތުގެ ތޫރިއަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އަޑުއިވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހު އެ ކަންފަތުގެ އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، މެއި މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ވަނީ ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެއެވެ.