ކޮވިންޑާ ގުޅިގެން މީރާއަށް ޓެކްސް ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިންސްޓޯލްމަޓް އުސޫލުން ފައިސާ ދެއްކުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދީފިއެވެ.

މީރާ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމާއި އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައި ދޭ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ބަދަލާއެކު މީގެ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ 50 ޕަސެންޓް ނަގަމުން ދިޔަ ނަމަވެސް އެ ޕަސެންޓް މިހާރު ވަނީ 5 ޕަސެންޓާއި 10 ޕަސެންޓާ ދެމެދަށް ކުޑަކޮށްފައެވެ.

މީރާ އިން ބުނީ، ދެ މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓުގެ ގޮތުގައި ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތްވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެ ލުއިތައް ހަމަޖައްސައިދޭނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރީގެ ފަންތި އާއި އެފަރާތުގެ އާމްދަނީއަށް މިދިޔަ އަހަރު ބަދަލު އައިސްފައިވާ މިންވަރަށް ރިއާޔަތްކޮށްގެން ކަމަށްވެސް ބުންޏެވެ.

މީރާ އިން ބުނީ، މިހާލަތުގައި ދޭ އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަން އެގްރީމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތުވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމާއި ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރީޝެޑިއުލްކޮށް ދިނުމަށްވެސް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާ ނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކައިވާ ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން، ޓެކުހާ ގުޅޭގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.

އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކައިވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން ޓެކްސް ކްލިއަރެންސް ދޫކުރާނެ ކަމަށްވެސް މީރާ އިން ބުންޏެވެ.