ގައުމެއް ބިނާކޮށް ރައްޔިތެއްގެ އާއްމު ހާލަތު ރަނގަޅު ވުމުގެ އެންމެ މުހިއްމު ތަރަހަ އަކީ އިންތިޒާމު ވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ މެންބަރުންނަށް ފޮނުއްވި ތަހުނިޔާގެ ޓުވީޓުގައެވެ.

އެ ޓުވީޓުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ގައުމެއް ބިނާކޮށް ރައްޔިތެއްގެ އާއްމު ހާލަތު ރަނގަޅު ވުމުގެ އެންމެ މުހިއްމު ތަރަހަ އަކީ އިންތިޒާމު ވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ކަމަށެވެ. އަދި މި ނިޒާމުގެ ދިވެހި މުއައްސަސާއަކީ އެމަނިކުފާނުގެ ޕާޓީ އެމްޑީޕީ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ދިދަޔާއެކު އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ޕާޓީގެ އެންމެހައި މެންބަރުންނަށް އުވާފެރި އަހަރީ ދުވަހަކަށް އެދިވަޑައިގެންފައިވެ އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު، ހުސްވި މެއި މަހުުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑަިއގެންނެވި ޒަހަމް ތަކަށް ފަރުވާ ހޯއްދެވުމަށް، ރައީސް ނަޝީދު އަދިވެސް ހުންނެވީ ޖަރުމަނު ވިލާތުގައެވެ.

ލިބިވަޑައިގެންނެވި ޒަހަމްތަކާ ބެހޭ ގޮތުން އެންމެ ފަހުން މިދިޔަ ބުރާސް ފަތި ދުވަހު ޖަރުމަނުގައި ހުންނަވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ލިބިވަޑައިގެންނެވި އަނިޔާ ވަރަށް ގިނަ ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އަނިޔާތަކުން އަރައިގަނެ ހެޔޮ ހާލުގައި ރާއްޖެ ވަޑައިގެންނެވުމަށް ކަމަށެވެ.

މަލްޓީ ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފު ވުމުން ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހުއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު އެޕާޓީން ވަީ ދިދަ ނެގުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ވަކި ވަކި ދެ ރަސްމިއްޔާތެއްގެ ގޮތުގައި މިއަދު ހެނދުނު މި ރަސްމިއްޔާތު އޮތީ، އެމްޑީޕީގެ މައި އޮފީހުގައާއި މާލޭގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.