ކޮވިޑާއި ގުޅިގެން އައްޑޫ ސިޓިގެ ގުޅިފައިވާ ރަށްތަކަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިތަދޫ ފިޔަވައި، އެހެނިހެން ރަށްރަށުގައި (މަރަދޫ، މަރަދޫފޭދޫ، ފޭދޫ) ގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އަންގާފައިވާ އެންގުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.

މިގޮތަށް ލުއި ދިނުމަށް ނިންމި ނަމަވަސް ލުއިތަކާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތައް އަދިވެސް ދެމި އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ޖަމާއަތުގައި ނަމާދުކުރުން ނުހިމެނޭ ގޮތަށް މިސްކިތްތަކުގައި ނަމާދުކުރުމަށް ހުއްދަދިނުމާއި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމާއި ޕާޓީތަކާއި، ހަފުލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގާފައިވާ ކަމަށް އައްޑު ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން މަނާވާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ލާޒިމްކޮށް، އެ އަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހުއްދަ ދޫކޮށްފައިވާ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނުން ހެނދުނު 08:00 އިން ހަވީރު 04:00 އަށް ހިދުމަތް ދެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ. އޭގެ އިތުރުންވެސް އިތުރު ފިޔަވަޅުތައް ކުރިއެކޭ އެއްގޮތަށް ދެމި އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

އައްޑު ސިޓީ ހިތަދޫގައިވެސް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފަ އެވެ. އެގޮތުން ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް ހަވީރު 04:00 އިން ފަތިހު 04:00 ގެ ނިޔަލަށް ކާފިއު ވަގުތު ދަމަހައްޓާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުނުން ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައިވީ ނަމަވެސް ކާފިއު ވަގުތުތަކުގައި ޑެލިވަރީ ކުރަން ވާނީ ހުއްދަ ހޯދައިގެން ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ހިދުމަތްދިނުމަށް ހުއްދަ ވަނީ ދީފަ އެވެ. ހިތަދޫގެ މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގައި އަޅާފައިވާ ފިޔަވަޅު ވަނީ ދަމަހައްޓާފަ އެވެ.

އައްޑޫ ސިޓީގައި މިހާރު ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނަ އިރު މިހާރު ޕޮޒިޓިވް ކޭސް ފެންނަމުންދަނީ ހިތަދޫންނެވެ. އެންމެ ފަހުން އެ ސިޓީން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު އިއްޔެ ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ. އައްޑޫ ސިޓީން 415 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އައްޑޫ މޮނިޓަރިން އަށް ލާފައިވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ފުވަހު އެވެ.