އަމިއްލަ މީހެއްގެ ގުދަނެއްގައި ރޯވެ އެ ގުދަނުގައި ހުރި މުދާތަކަށް ގެއްލުންވި މައްސަލައިގައި، މުދަލުގެ ވެރިފަރާތަށް 1.4 މިލިޔަން ރުފިޔާ ދެއްކުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ، ރ. އަލިފުށި ރީފް، އަބްދުއްރަހްމާނު ޔޫސުފުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރ. އަލިފުށި، ފަރެސް ގުދަނުގައި ހުރި މުދަލަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި އަބްދުއްރަހްމާނު ޔޫސުފު އިންޝުއާ ކޮށްފައިވާ މުދާތަކެއް ކަމަށް ވެފައި މުދާތައް، އެ ގުދަނުގައި ހުއްޓައި ގުދަނުގައި އަލިފާން ރޯވެ މުދާތަކާއެކު ގުދަން އަނދައި ހުލިވެފައި ވާތީ، ގުދަނުގައި ހުރި މުދަލުގެ ޖުމުލަ އަގު ކަމުގައިވާ 3،207،435 (ތިން މިލިއަން ދެލައްކަ ހަތްހާސް ހަތަރުސަތޭކަ ތިރީ ސް ފަސްރުފިޔާ) ދެއްކުމަށް އަބްދުއްރަހުމާން އެލައިޑްގައި އެދުމުން އެފައިސާ ދީފައި ނުވާތީ، އެ ފައިސާ އަކީ އެލައިޑްގެ ފަރާތުން އޭނާއަށް ލިބެން ޖެހޭ ފައިސާކަމަށް ޝަރީއަތުން ކަނޑައަޅުއްވައި ދެއްވައި އެކީ އެއްފަހަރާ އެފައިސާ ހޯދުމަށް އެދި އަބްދުއްރަހްމާނު ޔޫސުފު ގެ ފަރާތުން އެލައިޑްގެ މައްޗަށް ކުރި ދައުވާއެކެވެ.
މި ދައުވާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، އަބްދުއްރަހްމާން ޔޫސުފް ހުށަހަޅާފައިވާ ބިލްތަކުގައި ހިމެނޭ މުދަލުގެ ޖުމުލަ އަގު ކަމުގައިވާ 1،911،718.62 (އެއްމިލިޔަން ނުވަލައްކަ އެގާރަހާސް ހަތްސަތޭކަ އަށާރަ ރުފިޔާ ފަސްދޮޅަސް ދެލާރި) އިން އިންޝުއަރެންސް ޕޮލިސީގެ ދަށުން އުނިކުރެވޭ 0.25 ޕަސެންޓް އުނިކުރުމުން ބާކީވާ 1،433،788.96 (އެއް މިލިޔަން ހަތަރުލައްކަ ތެއްތިރީސްހާސް ހަތްސަތޭކަ އަށްޑިހަ އަށް ރުފިޔާ ނުވަދިހަ ހަލާރި) އަކީ އިންޝުއަރެންސް ޕޮލިސީގެ ދަށުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.އަލިފުށި ރީފް، އަބްދުއްރަހްމާން ޔޫސުފް އަށް ދޭން ޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތު ވެއްޖެކަމަށް ކަނޑައަޅައި މިފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ލިމިޓެޑަށް އަންގައި ހުކުމްކުރާ ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ އެލައިޑްގެ ފަރާތުން މި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުން މި މައްސަލަ ބަލައި ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ހުކުމްގައި ވަނީ، އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން މަޒީދުގެ އިތުރުން އާ ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު ހުސެއިން ޝަހީދުއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު