ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭގައި ނެތި ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހެއް ކުރިމިނަލް ކޯޓުގައި ވަނީ މިދިޔަ ބުދަ ދުވަހު ބާއްވާފައެވެ. އެ ޝަރީއަތުގައި އަލީ ވަހީދު ބައިވެރިވެފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.
ޕީޖީ އޮފީހުން ބުނީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން ޝަރީއަތުގައި އެދިފައިވަނީ އޭނާގެ ބޭސް ފަރުވާގެ ކަންކަން ނިމިފައިނުވާތީ ކަމަށް ވިދާޅުވެއެވެ. އަދި ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކްރިމިނަލް ކޯޓަށް މެޑިކަލް ލިޔުންތަކެއް ވެސް ހުށަހެޅިއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ އަޑުއެހުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ވަހީދު ބައިވެރިވެފައި ވަނީ ކޮން ތަނެއްކަން ނޭނގޭ ތަނެއްގައި ހުރެގެން ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒުކުރި ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެކަމަކީ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލުގެ ލަފާގެ މަތިން ގޮތެއް ކަނޑައަޅާފައިވާ ކަމަކަށްވާތީ އެކަމަށް ބަހުސް ނުކުރެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވި ކަމަށްވެސް ބުނެފައިވެއެވެ.
ޝަރީއަތުން ނިންމާ ނިންމުންތައް މައްސަލައާ ގުޅޭ ދެފަރާތާ ހިއްސާކުރަންޖެހޭނެކަމަށް ބުނެފައިވީ ނަމަވެސް އެ ނިންމުން ދައުލަތާ ހިއްސާކޮށްފައި ނުވާކަން ޕީޖީ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ގާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި އަދި އެކަމާބެހޭގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ އިސްގާޒީ އަށް ކުރެވޭނެ ކަމެއްނޫންކަމަށް ފެންނާތީ އިސްގާޒީގެ ލަފާ ލިއުމުން ހިއްސާކޮށްދިނުމަށް އެދިވފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދެއްވުމަށް ފުލުހުންނަށް ޕީޖީ އެދުމުން ފުލުހުން ވަނީ އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ޕީޖީން އެގޮތަށް އެދުނީ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ މުއްދަތު ހަމަވެފައިވާތީ އާއި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ސީރިއަސް މައްސަލައަކަށްވާތީ، ޝަރީއަތް ހިންގަން އޮތް ގޮތަކީ ރާއްޖެ ގެނައުން ކަމަށް ދެކޭތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު