ޚަބަރު

ޗައިނާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ކުށްވެރިކުރަން އިމްރާން ޚާން ފަސްޖެހުމުން, ފާޑުކިޔުން

ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އުޅޭ ވީގޫރް މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ވާހަކަދައްކަވަން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ފަސްޖެހިވަޑައިގަތުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފި އެވެ.

އެގްޒިއޯސް އެޗްބީއޯއަށް އިމްރާން ޚާން ދެއްވި އިންޓަވިއުއެއްގައި ވީގޫރް މުސްލިމުންނާ ދެކޮޅަށް ވާހަކަ ނުދައްކަވަނީ ކީއްވެތޯ އެހުމުން އިމްރާން ވަނީ ޗައިނާއާ ގުޅުން ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަނީ ސިއްރުން ކަމަށެވެ.

އޭގެ ބަދަލުގައި އިމްރާން ވަނީ ކަޝްމީރާމެދު އިންޑިއާއިން ކަންކުރާ ގޮތާމެދު ހުޅަނގުގެ ގައުމުތަކުން ވާހަކަ ނުދައްކަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ކަޝްމީރަކީ ހުޅުވާލެވިފައިވާ ޖަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"އަހަރެން ކަންބޮޑުވަނީ ޕާކިސްތާނުގެ ބޯޑަރުގައި ހިނގާ ކަންކަމާމެދު. ޗައިނާއިން ކަންކުރާ ގޮތަށް އިހުތިރާމް ކުރަން. އަދި އެގައުމާއެކު އޮންނަ މައްސަލަތަކުގައި މަޝްވަރާ ކުރަނީ ސިއްރުން. ޗައިނާއަކީ ޕާސްކިތާނުގެ އެންމެ ގާތް ރަހުމަތްތެރިޔާ. އަދި އެގައުމަކީ ޕާކިސްތާނުގެ އިގުތިސާދު އެންމެ ހާލުގައި އޮތް ވަގުތު އެކަމުން ސަލާމަތް ކޮށްދިނުމަށް އައި ގައުމު," ޗައިނާއަށް ތައުރީފު ކުރައްވައި އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ މި ވާހަކަތަކާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުންވެސް އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި އިމްރާން މިހާރު ހުންނެވީ ޗައިނާއަށް ވިކިފައި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.