ހއ. ހޯރަފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރުފަހު 2:15 ހާއިރު ހޯރަފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި 43 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ބަންދަށް ޖަހާފައިވާ ކަމަށް ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް ހައްޔަރު ކުރި މީހާ އާއި މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަށް ހަމަލާ ދީފައިވަނީ އޭނާގެ އާއިލާ މީހެކެވެ.