ޚަބަރު

ދަތި ވަގުތުތަކުގައި އެހީވެދީ އެމެރިކާއިން އަންނަނީ އެކުވެރިކަން ސާބިތުކޮށްދެމުން: ޝާހިދު

އަލީ ޔާމިން

ދަތި ވަގުތުތަކުގައި ރާއްޖެއަަށް އެހީވެދީ އެމެރިކާއިން އަންނަނީ ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަން ސާބިތުކޮށްދެމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވީ، ޔުނައިޓެޑް ސްޓޭޑް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޫއެސްއޭއައިޑީ)ގެ އެޑްމިނިސްޓްރޭޓާ ސަމަންތަން ޕަވާއާއެކުގައި ބޭއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ކޮވިޑްގެ ހާލަތާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ އެމެރިކާއިން ކޮވިޑް ވެކްސިން ފުރަތަމަ ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"އެމެރިކާއާ ރާއްޖެއާ ދެމެދު އޮންނަނީ ގާތް އެކުވެރިކަމެއް. ދަތި ވަގުތުތަކުގައި ރާއްޖެއަށް އެހީވެދީ އެގައުމުން އަންނަނީ އެކަން ސާބިތުކޮށްދެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ދެހާސް އެއް ވަނަ އަހަރުން ފެށިގެން އެމެރިކާއިން ވަނީ ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރެއިން 9.1 މިލިއަން ޑޮލަރަކީ ކޮވިޑާ ގުޅިގެން އެގައުމުން އެކި ގޮތްގޮތުން ފޯރުކޮށްދިން އެހީތެރިކަމެވެ.