ލިބިފައިނުވާ ބާރެއްްގެ ބޭނުންކޮށްގެން މީޑިއާތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުންދާތީ އޮންލައިން ބައެއް މީޑިއާތަކުން ޖެންްޑާ މިނިސްޓްރީ "ބޮއިކޮޓް" ކޮށްފިއެވެ.
މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ހަބަރުތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން ޖެންޑާ މިނިސްޓްރީން މިއަދު ވަނީ ނޫހެއް ޖޫރިމަނާކޮށް، ބައެއް ނޫސްތަކަށް ނަސޭހަތްދީފައެވެ. އެގޮތުން އަވަސް އޮންލައިން ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ޖެންޑާ މިނިސްޓްރީ ބޮއިކޮޓްކޮށްފައި ވަނީ "ވަގުތު އޮންލައިން" އަދި "ދުވަސް އެމްވީ" އިންނެވެ.
"ވަގުތު އޮންލައިން"ގެ ސީއީއޯ އަދި މީޑިއާ ކައުންސިލްގެ މެންބަރު އާދަމް ނަވާޒް "ވަން" އަށް ވިދާޅުވީ، އެ ނޫހުން، ޖެންޑާ މިނިސްޓްރީ ބޮއިކޮޓްކޮށްފައިވަނީ މީޑިއާތަކަށް ބިރުދައްކައި، ޖޫރިމަނާކޮށް އިންޒާރު ދޭތީ ކަމަށެވެ.
"ޖެންޑާއިން އަޅުގަނޑުމެންނަށް ފޮނުވި ސިޓީގައިވެސް ނެތް ކޮން ހަބަރެއްގައި ކަމެއް މައްސަލައެއް އުޅެނީ. އެފަދަ އެއްވެސް ކަމެއް ނެތި އިންޒާރުގެ ސިޓީއެއް އައިސްފައި މިއޮތީ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަވާޒް ވިދާޅުވިއެވެ.
ނަވާޒް ވިދާޅުވީ، ވަގުތު ނޫހުން ޖެންޑާ މިނިސްޓްރީގެ ހަބަރުތައް ގެނެސްދިނުން ހުއްޓާލައިފައިވަނީ ޖެންޑާ މިނިސްޓްރީއަށް އަމާޒު ކުރެވޭ ސުވާލުތަކަށް އެ މިނިސްޓްރީން ފުރިހަމައަށް ޖަވާބުދާރީވަންދެން ކަމަށެވެ.
ދުވަސް ނޫހުގެ އެޑިޓަރު އަޒްމީ އަލީ "ވަން" އަށް ވިދާޅުވީ، އެ ނޫހުން ޖެންޑާ މިނިސްޓްރީ ބޮއިކޮޓް ކޮށްފައިވަނީ އުސޫލުން ބޭރުން ކަންކަން ކުރާތީ ކަމަށެވެ.
"މުއައްސަސާތަކެއް އޮންނަންޏާ އެ މުއައްސަސާތައް މެދުވެރިކޮށް ކަންކަން ކުރިއަށް ގެންދަންވާނީ. ބޮއިކޮޓްކޮށްފައި މިވަނީ އެ މިނިސްޓްރީން އުސޫލުން ބޭރުން ކަންކަން ކުރާތީ،" އަޒްމީ ވިދާޅުވި އެވެ.
އަޒްމީ އިތުރަށް ވިދާޅުވި ގޮތުގައި، ޖެންޑާ މިނިސްޓްރީން މީޑިއާތަކުގެ މެދުގައި ތަފާތުކުރުންވެސް ގެންގުޅެއެވެ. އެހުރިހާ ކަމަކަށް އެ މިނިސްޓްރީން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނީ ގޮތުން އޮންލައިނާއި ޕްރިންޓް މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށެވެ.
އެކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖެންޑާއިން މީޑިއާތަކާމެދު ފިޔަވަޅު އަޅާފައިވަނީ އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން އެކަމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްއެމްސީން ބުނީ ބައެއް ނޫސްތަކުގައި 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހަބަރުތައް ގެނެސްފައިވާ ގޮތް އެ ކައުންސިލުން ބަލަމުން އަންނަ ކަމަށާއި ނަމަވެސް ޖެންޑާއިން ފިޔަވަޅު އަޅާފައިވަނީ އެ ކައުންސިލުން މައްސަލަ ބަލައި ވަކި ގޮތްތަކެއް ނުނިންމަނީސް ކަމަށެވެ.
"މި ކައުންސިލުން މި މައްސަލައިގައި އެސެސްމަންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެކި ފަރާތްތަކުން މީޑިއާތަކާމެދު ފިޔަވަޅުއަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލުތައް ނުހިންގުމަށް ގޮވާލަން،" ބަޔާނުގައިވެއެވެ.
ޖެންޑާއިން ބައެއް މީޑިއާތަކަށް އިންޒާރުދީ ޖޫރިމަނާކޮށްފައިވާތީ އެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިންވެސް ވަނީ ކުށްވެރިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު