ޔޫރަޕުގެ ކްލަބު މުބާރާތްތަކުގައި އަންނަ ސީޒަނުން ފެށިގެން އަވޭ ގޯލު އުސޫލު ބޭނުން ނުކުރަން ޔޫއެފާއިން ނިންމައިފިއެވެ.

ޔޫއެފާގެ އެކިއެކި ކްލަބު މުބާރާތްތަކުގައި ބޭނުންކުރާ އަވޭ ގޯލު އުސޫލަކީ 1965 ވަނަ އަހަރުން ފެށިގެން ދެ ލެގުގެ ނޮކްއައުޓް މެޗުތަކުގައި ބޭނުންކުރާ އުސޫލެކެވެ. އެ އުސޫލުގައިވާ ގޮތުން ނޮކްއައުޓް ޓައި އެއްގައި އެގްރިގޭޓް ނަތީޖާ އެއްވަރު ވެއްޖެނަމަ، އެ ޓައިއެއްގެ ނަތީޖާ ނިންމުމަށް ދެން ބަލާނީ އެންމެ ގިނައިން އަވޭގައި ގޯލު ޖަހާފައިވާ ޓީމަކަށެވެ.

އެ އުސޫލަކީ އަހަރުތަކެއް މަތިންވެސް ޔޫއެފާގެ އެކި ފޯރަމްތަކުގައި މަޝްވަރާކޮށް، އުވާލަން މަސައްކަތް ކޮށްފައިވާ އުސޫލެކެވެ. ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ސެފެރިން ވިދާޅުވީ އަވޭ ގޯލަކީ ގޯލަކަށްވުރެ އިތުރަށް ފައިދާވާނެ އެއްޗެއްގެ ގޮތުގައި އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސެފެރިން ވިދާޅުވީ ޔޫއެފާ ކްލަބުތަކުގެ ހާއްސަ ކޮމިޓީއަކުން އަވޭ ގޯލު އުސޫލު ބަދަލުކުރަން މިދިޔަ މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އެގްޒެކެޓިވް ކޮމިޓީން އެކަން ފާސްކޮށްފައިވާ ކަމަށްވެސް ސެފެރިން ވިދާޅުވިއެވެ. އެ ނިންމުމާއެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ޔޫއެފާ ވުމަންސް ޗެމްޕިއަންސް ލީގު މެޗުތަކަށް އެ ނިންމުން ހިނގާނެއެވެ.

ޔޫއެފާއިން މިހާރު ނިންމާފައިވާ ނިންމުމާއެކު އެގްރިގޭޓް ނަތީޖާ އެއްވަރުވާ މެޗުތަކުގައި ގޯލުތައް ޖަހާފައިވަނީ އަވޭގައިތޯ ނޫނީ ހޯމްގައިތޯ ނުބަލައި، ދެން ދާނީ އިތުރު ވަގުތަށެވެ. އިތުރު ވަގުތަށް ގޮސް ނަތީޖާ ނުނެރެވިއްޖެނަމަ، ދެން ޖެހޭނީ ޕެނެލްޓީ ޖަހައިގެން ނަތީޖާ ނެރޭށެވެ.

ޔޫއެފާއިން އިތުރަށް ބުނެފައިވަނީ މިހާރު ދަނޑުތަކުގެ ކޮލިޓީ އެއް ފެންވަރެއްގައި ރަނގަޅުކޮށް، ސްޓޭޑިއަމްތަކުގެ އިންފްރާސްޓްރަކްޗާ ވެސް އެންމެ އެކަށޭނެ މިންވަރަށް ހުރިހާ ސްޓޭޑިއަމްއެއްގައިވެސް ރަނގަޅު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ޓެކްނޮލިޖީގެ ބޭނުން ކުރެވުންވެސް އެއީ ހޯމްގެ އެޑްވާންޓޭޖަށް އަވޭ ގޯލު ބާއްވަން ނުޖެހޭ ސަބަބެއް ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.