ގއ. ދާންދޫ ކައުންސިލުން ކަރުދާސް ބޭނުން ކުރުން ހުއްޓާލަން ނިންމައިފިއެވެ.
އެ ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރު ޔޫސުފް މޫސާ މިއަދު "ވަން" އަށް ވިދާޅުވީ ކައުންސިލުން ކަރުދާސް އެއްކޮށް ހުއްޓާލުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ކައުންސިލް މެމްބަރުންގެ އިއްތިފާގުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ކަރުދާސް ބޭނުން ކުރުން ހުއްޓާލަން ނިންމީ، ކައުންސިލުން ކަރުދާސް ބޭނުން ކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ފަސޭހަ ގޮތުގައި ހިފުމަށެވެ. އަދި މި ދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ އެކަމަށްވެސް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫސުފް ވިދާޅުވީ ކައުންސިލުން ނިންމާފައިވަނީ ކޮންމެ ޑޮކިއުމެންޓެއްވެސް ޕީޑީއެފަށް ބަދަލުކޮށް، ކައުންސިލްގެ ސިސްޓަމް މެދުވެރިކޮށް، ފޯނުން ސޮއި ކޮށްލެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން މިހާރު ކޮންމެ ތަނެއްގައި ހުރެފައިވެސް ޑޮކިއުމެންޓްގައި ސޮއިކޮށްލެވޭނެ ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ޑޮކިއުމެންޓެއްވެސް ޕީޑީއެފް ހަދާފައި ސޮއިކޮށްލެވޭ ގޮތަށް ހަދާފައި އިންނާނީ. އެހެންވީމަ އެއް ގޮތަކަށްވެސް ކަރުދާސް ބޭނުން ކުރާކަށް ނުޖެހޭނެ. އޭރުން ހަމަ ކޮންމެ ތަނެއްގައި ހުރެފަވެސް ފޯނުން ވަދެލާފަ ސިސްޓަމުން ސޮއިކޮށްލެވޭނެ،" ޔޫސުފް ވިދާޅުވިއެވެ.
ޔޫސުފް އިތުރަށް ވިދާޅުވީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ކަރުދާހާއި ޕްރިންޓް ކުރުމަށް 30،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށެވެ. ކަރުދާސް ބޭނުން ކުރުން ހުއްޓާލުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ކައުންސިލަކުން އަދި ރާއްޖޭގެ އޮފީހަކުން ކަރުދާސް ބޭނުން ކުރުން ހުއްޓާލި ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު