މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގެންނަން ބޭނުންވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އެޗްއާރްސީއެމުން މިއަދު ބުނީ ނަފުރަތުގެ ބިލަށް އިސްލާހު ގެނައުމުގެ ބިލަށް އެ ކޮމިޝަނުން މިއަދު ރައްޔިތުންގެ މަޖްލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އިސްލާހުތައް ހުށަހަޅާފައިވާނީ ގާނޫނު އަސާސީ އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ރާއްޖެ ސޮއިކޮށް ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި އެ މުއާހަދާތަކާ ގުޅިގެން ހަދާފައިވާ އދ. މިންގަނޑުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.
އެގޮތުން ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާގައި ބާޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަމާއި 29 ވަނަ މާއްދާގައި ބަޔާންކުރާ މައުލޫމާތު ލިބުމާއި ފެތުރުމުގެ މިނިވަންކަމާއި އދ. ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހަވާލާދީފައިވާނެ ކަމަށް ބުންޏެވެ. ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި އދ. ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ 19 ވަނަ މާއްދާގައި ބުނާ ހަމަތަކުގެ މަތިން ގާނޫނު އެކުލާވާލުމަށްޓަކައި ރިއާޔަތްކުރަން ޖެހޭނެ އަސާސްތަކާއި ހަމަތަކަށް ބިނާކޮށް ލަފާދީފައިވާނެ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.
"މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ 20 ވަނަ މާއްދާގައި ވަކި ގައުމެއްގެ ނުވަތަ ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފްރަތާއި ފަސާދަ އުފެއްދުމާއި ނަފްރަތާއި ފަސާދައަށް ބާރުއެޅުމުގެ ސަބަބުން އެ ބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ގާނޫނުން މަނާ ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު މި މުއާހަދާގެ މައްޗަށް ހެދިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން ކެމްޑެން ޕްރިންސިޕަލްސްގެ 12 ވަނަ ގާއިދާގައި އާއި އދ. ގެ ސްޓްރެޓެޖީ އެންޑް ޕްލޭން އޮފް އެކްޝަންސް އޮން ހޭޓް ސްޕީޗްގައި ބުނާ މިންގަނޑުތަކުގައި ނަފްރަތުގެ އަމަލެއް ނަފްރަތުގެ ކުށަކަށް ހެދުމުގައި ފުރިހަމަ ވާންޖެހޭ އުންސުރުތައް ފުރިހަމަވުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް ލަފާދީފައި ވާނެ،" އެޗްއާރްސީއެމުން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ ނަފްރަތުގެ އަމަލުތަކުގެ އިންތައް ކަނޑައެޅުމުގައި ނަފްރަތުގެ އަމަލުތައް މަނާކުރުމާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ ރަބާތް ޕްލޭން އޮފް އެކްޝަންގައި ހިމެނޭ ހަ ޕާޓް ތްރެޝްހޯލްޑް ޓެސްޓްއާ އެއްގޮތްވާ ގޮތުގެމަތިން ވަކި އަމަލަކީ ނަފްރަތުގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެ މިންގަނޑުތައް ބޭނުން ކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގުޑް ޕްރެކްޓިސްގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތަށް ގާނޫނުއަސާސީގައި ކަށަވަރުކޮށްދޭ ހައްގުތަކާއި މިންގަނޑުތައް ނެގެހެއްޓޭނެ ގޮތުގެ މަތިން މި ބިލުގެ މާއްދާތައް އިސްލާހުކުރުމަށް ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.
އެ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ތިން މުއައްސަސާއެއްގެ އިތުރުން އާއްމު އެކި ފަރާތްތަކުން ގިނަ ކޮމެންޓުތަކެއް އެ ބިލަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިޔާލު ހޯދަން ކޮމިޓީން އެދުމުން، އެ ތިން މުއައްސަސާއިން ވެސް ވަރަށް ތަފްސީލީ ހިޔާލުތަކެއް ދީފައިވާ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ބިލް އަނބުރާ ފޮނުވާލަން ގުރައިދޫ ދާއިރާގެ އިދިކޮޅު މެމްބަރު އިބްރާހިމް ރިޒާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ. ނަމަވެސް ބިލް އަނބުރާ ފޮނުވައި ލުމަށް ތާއީދެއް ނުލިބުނެވެ. ކޮމިޓީން ފާސްކުރީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެ ބިލްގެ މަސައްކަތް ނިންމުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު