ލިބިފައި ހުރި އަނިޔާ ވަރަށް ގިނަ ކަމަށާއި މަސައްކަތް ކުރަމުން ދަނީ އެ އަނިޔާތަކުން އަރައިގަނެ ހެޔޮ ހާލުގައި ރާއްޖެ ދިއުމަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީ ގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރު ކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. ހަފްތާއެއް ވަންދެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު މި ވަގުތު ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނަށް ލިބިފައި ހުރި އަނިޔާ ވަރަށް ގިނަ ކަމަށާއި އެހެން ނަމަވެސް މަސައްކަތް ކުރަނީ ﷲގެ ރަހްމަތްފުޅާ އެކު އެ އަނިޔާތަކުން އަރައިގަނެ ހެޔޮ ހާލުގައި ރާއްޖެ ދިއުމަށް ކަމަށެވެ.

ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ، ރައީސް ނަޝީދުގެ ފައިގައި ހުރި ފާރު ފިޔަވައި އެހެން ހުރިހާ ފާރެއް މިހާރު ވަނީ ހިކިފައި ކަމަށެވެ. އަދި ރިކަވަރީވަމުން އަންނަ ސްޕީޑާއި ދޭތެރޭގައި ޑޮކްޓަރުން ހިތްހަމަ ޖެހޭކަން ހާމަކޮށްފައިވާއިރު މިއަދު ކުރުމަށް ހަމަޖެއްސި އެންޑަސްކޯޕީ ވެސް ކެންސަލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެންޑަސްކޯޕީ އަކީ އަނގައަށް ހޮޅިއެއް ލައްވައިގެން އެތެރެހަށީގައި ހާލަތު ދެނެގަތުމަށް ކުރާ ނޮން ސާޖިކަލް ޕްރޮސީޖާ އެކެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ދިނުމަށް ރައީސް ނަޝީދު ޖަރުމަނުގެ ވެރިރަށް ބާލިންގެ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފައިވަނީ އޭގެ ހަފުތާއެއް ފަހުން އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ހަފުތާއެއް ފަހުން ރައީސް ނަޝީދު ވަނީ ގެއަށް ދޫކޮށްލައިފައެވެ.