ފިލިޕީންސްގައި ކޮވިޑް ވެކްސިން ނުޖަހާ މީހުން ޖަލަށްލާން ޖެހިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ދެއްވައިފިއެވެ.

އެ ގައުމުގައި ކޮވިޑުގެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓު ހަލުވިކަމާއެކު ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ ކޮވިޑު ކޮންޓްރޯލުކުރުމުގެ މަސައްކަތްތައް ވަރުގަދަކޮށްފައިވާއިރު، އެކަމަށް އެއްބާރުލުން ނުދޭ ފަރާތްތައް ޖަލަށް ލާން ޖެހިދާނެކަމުގެ އިންޒާރު ރައީސް ދެއްވާފައިވަނީ ހޯމަދުވަހުގައެވެ.

ހޯމަ ދުވަހު ރައީސް ނެރުއްވި ބަޔާނެއްގައި ވަނީ، ވައިރަސް ފެތުރުމުގެ ފުރުސަތު އޮންނަ ވެކްސިން ޖެހުން ހައްގުވާ މީހަކު ވެކްސިން ނުޖަހާނަމަ އެމީހަކު ޖަލަށް ލާންޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

މި އަމުރު އެގައުމުގައި ތަންފީޒުކޮށްފިނަމަ އެކަން ވެގެން ދާނީ ކޮވިޑު ކޮންޓްރޯލުކުރުމަށް ގައުމެއްގައި ނެގި އެންމެ ހަރުކަށި ފިޔަވަޅަކަށެވެ. މީގެ ކުރިން އިންޑޮނީޝިއާގައިވަނީ ވެކްސިން ޖެހުން ހައްގުވާ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުން ޖޫރިމަނާކޮށްފައެވެ.

ނަމަވެސް ޑުޓާޓޭގެ ބަޔާނާ ގުޅިގެން އެގައުމުގެ ޖަސްޓިސް ސެކްރެޓަރީ މެންޑާރޯ ގެވާރާ ވިދާޅުވެފައިވަނީ ވެކްސިން ޖެހުން މަޖުބޫރުކުރުން އެގައުމުގެ އެއްވެސް ގަވާއިދެއް ތަންނުދޭކަމަށެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ރައީސްގެ ބަސްފުޅު އެގޮތަށް ބެހެއްޓުވުމުގެ ބޭނުމަކީ ވެކްސިން ޖެހުމަށް ރައްޔިތުންނަށް ބާރު އެޅުއްވުންކަމަށާއި، ވެކްސިން ޖެހުމާއި ނުޖެހުމުގެ އިހުތިޔާރު ރައްޔިތުންނަށް ލިބިގެންވާ ކަމަށް ވިދާޅުވެފައެވެ.

ހޯމަ ދުވަހު ރައީސް ޑުޓާޓޭ ދެއްވި ބަޔާނުގައި، ކިޔަވައިދޭތަންތަނަށް ދިއުން މަނާކުރުމާއި މާސްކު އެޅުން ވަނީ މަޖުބޫރުކުރައްވާފައެވެ. އަދި ޕެންޑެމިކް ކޮންޓްރޯލްކުރުމުގައި އެއްވެސް ގާނޫނަކަށް ގަވާއިދަކަށް ނުބައްލަވާނެކަމުގައި ވިދާޅުވިއެވެ. އެފަދައިން ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވީ އެ ގައުމުގެ ޓާސްކް ފޯހުން ކޮވިޑު ޓެސްޓުކުރުމާ ކަރަންޓީން އުސޫލުތައް ގެންދާގޮތާއިމެދު ސިބޫ ޕްރޮވިންސްގެ ލޯޔަރުން ސުވާލު އުފައްދަވާފައިވަނިކޮށެވެ.

މީގެ އިތުރުންވެސް ކޮވިޑުގެ ފުރަތަމަ ރާޅާއެކު އެގައުމަށް އިގުތިސާދީ ނުހަނު ގިނަ ގެއްލުންތަކާ ކުރިމަތިލާންޖެހުނުކަމަށާއި ދެވަނަ ރާޅާއެކު އެފުރުސަތު ނުދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. ކަންކަން ރަނގަޅު ކުރެވޭނީ ހަރުކަށި ފިޔަވަޅުތައް ވަރުގަދަކޮށްގެންކަމުގައިވެސް ރައީސްގެ ބަޔާނުގައިވެއެވެ.