ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ކަސަމޭރީ ފަހު ވަގުތު ޖަހައިދިން ގޯލާއެކު ކޮޕާ އެމެރިކާގައި ބްރެޒިލުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
މެޗު ބްރެޒިލުން 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗު ވެގެން ދިޔައީ ރެފްރީއަށް ލޯތައް އަމާޒުވި މެޗަކަށެވެ. ހާއްސަކޮށް ބްރެޒިލުން ފުރަތަމަ ޖެހި ގޯލުގައި ރެފްރީ ގައިގައި ބޯޅަ ޖެހުމާއެކު ބޯޅައިގެ މިސްރާބު ބަދަލުވެގެން ދިޔުމުން ކޮލަމްބިއާއަށް އުނދަގޫތަކެއް ދިމާވެފައި ވުމުން ކޮލަމްބިއާއިން ވަނީ އެކަމާ ދެކޮޅަށް ގިނަ އިރުތަކެއް ވަންދެން މައްސަލަވެސް ޖައްސާފައެވެ.
މެޗުގެ ފުރަތަމަ ގޯލް ޖެހީ ކޮލަމްބިއާގެ ލުއިސް ޑިއާޒެވެ. އެ ގޯލަކީ ހުރަސް ވެގެން އައި ބޯޅައަކުން ޑިއާޒް ޖެހި ހިތްގައިމު އެކުރޮބެޓިކް ވޮލީއެކެވެ. އެ ގޯލާއެކު ކޮލަމްބިއާއިން ލީޑު ނެގި ނަމަވެސް ދެވަނަ ހާފަށް ނުކުމެ ރޮބާޓޯ ފިރްމީނޯ ބްރެޒިލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެ ގޯލަކީ އެތައް ސުވާލެއް އުފެދުނު ގޯލެކެވެ. ރެފްރީއާ ދިމާލަށް ގޮސް ކޮލަމްބިއާއިން ޝަކުވާ ކުރި ނަމަވެސް ރެފްރީ ވަނީ ގިނަ އިރުތަކަކަށްފަހު އެ ގޯލް ސައްހަ ކަމަށް ނިންމާފައެވެ.
މެޗުގެ އިތުރު ވަގުތަށް ދިހަ މިނެޓް ރެފްރީ ދައްކާފައިވާއިރު، ކަސަމޭރޯގެ ގޯލް ފެނުނީ އިތުރު ވަގުތުގެ ތެރޭގައެވެ.
އާޖެންޓީނާގެ ރެފްރީއެއް މެޗުގައި ރެފްރީކަން ކޮށްފައިވާއިރު، ގަވާއިދު ބުނެފައިވާ ގޮތުން ރެފްރީ ގައިގައި ޖެހި ގޯލަަކަށް ބޯޅައިން ސީދާ ފުރުސަތު ފަހިވާނަމަ، އެހިސާބުން ކުޅުން ހުއްޓުވާލާ ޑްރޮޕް ބޯޅައެއް ދޭން ޖެހެއެވެ. ނޭމާގެ ޕާހަކުން ކުރިއަށް ދިން ބޯޅަ ރެފްރީ ގައިގައި ނުޖެހުނު ނަމަ ކޮލަމްބިއާ ކުޅުންތެރިއަކަށް ލިބެން ދިޔައިރު، އެ ބޯޅަ ނުހުއްޓުވައި ރެފްރީ ދޫކޮށްލި ދޫކޮށްލުމަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.
ގްރޫޕްގެ އެއްވަނައިގައި އޮތް ބްރެޒިލަށް އަދި އިތުރު މެޗެއް ގްރޫޕް ސްޓޭޖުގައި އެބައޮތެވެ. އެއްވަނައިގެ ގޮތުގައި އެޓީމަށް ކުއާޓާ ޔަގީންވެފައި އޮތްއިރު، ކުއާޓާ ކުރިން ދެން ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ.