އަންނަ މަހުގެ 14 ވަނަ ދުވަހު ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއި އެކު އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ހަމަ އެ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑި އެފަރާތްތަކާ ހަވާލު ކުރާނެ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ދައުލަތުގެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، އެގްރީމެންޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި ކަމަށާއި 25 މޭޒު ބަހައްޓައިގެން އެއްފަހަރާ އެ އަދަދަށް އެގްރީމެންޓްގައި ސޮއި ކުރެވޭނެ އިންތިޒާމް ހަމަޖައްސެމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ސޮއި ކޮށްލުމަށްފަހު އެ ބޭފުޅުންނަށް ފްލެޓް ސަރަހައްދަށް ވަޑައިގެންނެވީމަ އަޅުގަނޑުމެންގެ ސްޓާފެއް ހަވާލުވާނެ. އެއަށްފަހު އެ ބޭފުޅަކަށް ލިބުނު ފްލެޓް ދައްކާނެ،" ސުހައިލް ވިދާޅުވި އެވެ.

ވެރިފަރާތުން ފްލެޓް ބެލުމަށްފަހު ރަނގަޅު ކުރަން ޖެހޭ ކަމެއް ހުރެއްޖެ ނަމަ ފޯމެއް ފުރުމަށްފަހު އެތަނުގައި ހުންނަ އެޗްޑީސީގެ މުވައްޒަފުންނާ ހަވާލު ކުރުމަށް ސުހައިލް ވަނީ އެދިވަޑައިގެންފަ އެވެ.

"އެގްރީމެންޓް ކުރާ ދުވަހު އަޅުގަނޑުމެން ބަލާފައި މި އޮތީ ހަމަ އެބޭފުޅަކަށް ތަޅުދަނޑި ހަވާލުކުރަން،" ސުހައިލް ވިދާޅުވި އެވެ.

ފަންސަވީސް މޭޒު ބަހައްޓައިގެން އެގްރީމެންޓްގައި ސޮއިކުރަން ފެށުމުން ދުވާލަކު 350 މީހަނަށް ފްލެޓް ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސުހައިލް ފާހަގަކުރެއްވި އެވެ.

ހިޔާ ފްލެޓްގެ ދަށުން 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު އެގްރީމެންޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ފަހަރަކު ޓަވަރެއް ނިންމުމަށްފަހު އަނެއް ޓަވަރު ފަށާ ގޮތަށެވެ.

އެގްރީމެންޓްގައި ސޮއި ކުރަން ފެށުމުގެ ކުރިން އެތަން ލިބުނު ފަރާތްތަކަށް ފްލެޓް ދައްކާނެ ކަމަށް ސުހައިލް ފާހަގަކުރެއްވި އެވެ. އަދި އެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލްޓް ތަކުގެ އެތެރޭގައި ކޮންޓެެރެކްޓަރުން ކުރަން ޖެހޭ މަސައްކަތް ނިންމުމަށްފަހު ތަޅުދަނޑިތައް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް ސުހައިލް ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގައި މިހާރު ކުރިއަށް ދަނީ ފްލެޓްތަކުގެ ބޭރުގައި ކަރަންޓް މީޓަރު ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ބްލޮކްތަކުގައި ބޭރުގައި ކުރަން ޖެހޭ މަސައްކަތްތައް ނިންމުން ކަމަށް ސުހައިލް ވިދާޅުވި އެވެ.

"ކަރަންޓުގެ މަސައްކަތް މުޅިން އަދި ހުރީ ނުނިމި. އެކަމަކު ފެނުގެ މަސައްކަތް ހުރީ ނިމިފައި. މިހާރު ކުރިއަށް ދަނީ ޓެސްޓިންގެ މަސައްކަތް،" ސުހައިލް ވިދާޅުވި އެވެ.

ތަޅުދަނޑި ހަވާލު ކުރާ ދުވަހުން ފެށިގެން ކުއްޔަކާ ނުލައި ތިން މަސް ދިނުމަށް ހަމަޖައްސާފައި އޮތް ނަމަވެސް އެ މުއްދަތު ގުނާނީ އެތަނަށް ކަރަންޓް ދެވުމުން ކަމަށް ސުހައިލް ވިދާޅުވި އެވެ.