އެއްވެސް ކާޑެއްގެ މައުލޫމާތު ކޮމްޕްރޮމައިޒް ވެއްޖެކަން ބޭންކަށް ފާހަގަ ކުރެވިއްޖެނަމަ، ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެ ކާޑް ޑީއެކްޓިވޭޓް ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލްގެ ބައެއް ކާޑުތަކުގެ މައުލޫމާތު ބޭރުގެ ބައެއް ވެބްސައިޓުތަކުގައި ހިމަނާފައިވާ ކަމަށްބުނެ ބައިނަލްއަގުވާމީ ކާޑު އޭޖެންޓުން ވަނީ ބޭންކަށް އަންގައިފައެވެ. އެއާއެކު ބޭންކުން ވަނީ އެ ކާޑުތައް ވަގުތުން ޑީއެކްޓިވޭޓް ކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ ބައިނަލްއަގްވާމީ ކާޑް ޕާޓްނާސްގެ އެހީތެރިކަމާއެކު އެއްވެސް މިންވަރަކަށް އެއްވެސް ކާޑެއްގެ މައުލޫމާތު ނުގަވައިދުން އެއްވެސް ކާޑަކުން މުއާމަލާތެއް ހިންގައިފިނަމަ، ކަސްޓަމަރުން ރައްކާތެރިކަމަށްޓަކައި އެފަދަ ޑޭޓާ ކޮމްޕްރޮމައިޒަކާ ގުޅުން ހުރި ހުރިހާ ކާޑުތަކެއް ޑީއެކްޓިވޭޓް ކުރުމަކީ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ ޑޭޓާ ކޮމްޕްރޮމައިޒްވެފައި ވަނީ މަދު ކާޑުތަކެއްގެ ކަމަށެވެ. އެ ކާޑުތައް މިހާރު ޑީއެކްޓިވޭޓްކޮށް އެކަން ކަސްޓަމަރުންނަށް މެއިލްގެ ޒަރީއާ އިން އަންގާފައިވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ޑިއެކްޓިވޭޓްކޮށްފައިވާ ކާޑުތަކުގެ ބަދަލުގައި އާ ކާޑެއް ހެއްދުމަށްފަހު ބޭންކުން ކަސްޓަމަރުންނަށް އަންގާނެއެވެ.
ބީއެމްއެލް އިން ބުނީ މިއީ ކަސްޓަމަރުގެ އެކައުންޓްގެ ނުވަތަ ކާޑުގެ މައުލޫމާތު ބޭންކުން ބޭރުވެގެން ހިންގާފައިވާ ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު