ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް، ބޭނުންވާ ވަރަށް މައުލޫމާތު ލިބިފަިއވާ ކަމަށާއި، އެހެން ކަމުން އެ އިންކުއަރިއާބެހޭ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިންކުއަރީއާބެހޭގޮތުން މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އަަސްލަމް ވިދާޅުވީ، ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބުނު ކަމަށެވެ.

ކޮމިޓީގެ މަސައްކަތްތައް ސިއްރުން ކުރިއަށް ގެންދިޔަ ނަމަވެސް އެކުލަވާލާ ރިޕޯޓު އާއްމު ކުރައްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ކޮމިޓީގެ ރިޕޯޓު އާއްމު ކުރާއިރު ގައުމީ ސަލާމަތައްޓަކައި ސިއްރުކުރަންޖެހޭ ކަމެއް ވާނަމަ އެކަމެއްް ސިއްރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން ސިއްރުކުރަންޖެހުނު ސަބަބުން ރިޕޯތުުގައި ހިމަނާނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ކަމާބެހޭ ރިޕޯޓު އެކުލަވާލައި އަންނަ ހަފްތާތެރޭގައި ފައިނަލް ކުރުމަށް އަމާޒު ކޮށްގެން މަސައްްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

އެ ރިޕޯޓުގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ފިޔަފަޅުތަކެއް އަޅަންޖެހޭނަމަ އެކަންތައްތައް ފާހަގަ ކުރާނެ ކަމަށާއި، އިހުމާލެއް ވާނަމެ އެކަމެއްވެސް ރިޕޯޓުން ފާހަގަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީގައި ކޮމިޓީން މިހާތަނަށް ޖުމްލަ 49 ފަރާތަކާ ބައްދަލުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ސިފައިންގެ މުއައްސަސާގެ 33 ފަރާތެއް ހިމެނޭކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ކޮމިޓީން ކުރިއަަށްގެންދިޔަ އިންކުއަރީގައި ގިނަ ކަންތައްތަކެއް ހަރުދަނާކުރަންޖެހޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހެކަންވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، ކޮމިޓީގެ މަސައްކަތް ނިމުނު ނަމަވެސް، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގު ކުރިއަށް ދާގޮތް ކޮމިޓީން ބަލާނެ ކަމަށެވެ.

ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ބެހޭ މައުލޫމާތު މިހާރުވެސް އޮޅުން ފިލުވަމުން ގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ފުލުހުން ކުރިއަށް ގެންދާ ތަހުގީގާމެދު ހިތްހަމަޖެހޭ ކަމަށެވެ.