ކަރަންޓީނު އުސޫލާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާކޮށްފައިނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިގޮތަށް ވިދާޅުވީ ކަރަންޓީން އުސޫލާ ހިލާފުވެގެން ޖޫރިމަނާކުރި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

ނަހުލާ މިއަދު "ވަން" އަށް ވިދާޅުވީ އޭނާ ކަރަންޓީން އުސޫލާ ހިލާފުވެގެން ޖޫރިމަނާ ކުރި ވާހަކައަކީ ދޮގު ހަބަރެއް ކަމަށާއި ކަރަންޓީނާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިނުވާ ކަަމަށެވެ.

"ދޮގު ހަބަރެއް. ކަރަންޓީނުގައި ހުރެފައި ބޭރަށްވެސް ނުދަން. ރެސްޓޯރެންޓެއްގައި އިންދައި ޖޫރިމަނާ ވެސް ނުކުރެ. ރެސްޓޯރެންޓްތައް ހުރީ ބަންދުކޮށްފައެއް ނޫންތޯ،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ މިވަގުތު ހުންނެވީ ދުބާއީއަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީނުގަ އެވެ.

ނަމަވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެކަމަނާ ޖޫރިމަނާ ކޮށްފައިވަނީ ދުބާއީ އިން ވަޑައިގެން ކަރަންޓީނުވެ، މާލޭގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ކަމަށެވެ. އަދި އެކަމަނާ ކަރަންޓީނު ވުމެއް ނެތި އޮފީހަށް ވެސް ވަޑައިގެންނެވި ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ރާއްޖެއިން ބޭރުން އަންނަ އެންމެންވެސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަންޖެހެ އެވެ. އަދި ކަރަންޓީނުގެ އުސޫލާ ހިލާފުވާ ފަރާތްތައް ފުރަތަމަ ޖޫރިމަނާ ކުރާނީ 1000ރ. އިންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ކެފޭ ރެސްޓޯރެންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާ ކޮށްފަ އެވެ. ނަމަވެސް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ޕޮލިސް ޕާމިޓާއެކު މެންދަމު 12:00 އާ ހަމައަށް ދެވޭނެ އެވެ.